ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ IUl-10-M/10/2019/127
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމު މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުން
ޤާނޫނު ނަންބަރު 2008/15 މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ މީޑިއާ ކައުންސިލްގެ މިދައުރުގެ އާންމު މެންބަރަކު އިސްތިއުފާ ދެއްވާފައިތީ، އެމަގާމަށް މެންބަރަކު ޢައްޔަންކުރުމަށް ބޭނުންވެއެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއި ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.
(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
(ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(އ) މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.
(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރ ކަނޑައަޅުއްވާ ނަމުގެ ތެރޭގައި ތިރީގައި މިދަންނަވާ ބައިތަކަށް އިސްކަންދެވޭނެއެވެ.
- ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ ޢިލްމުގެ ދާއިރާއިން ނުވަތަ އިޖްތިމާޢީ ސައިންސަސް ގެ ދާއިރާއަކުން މަތީ ތަޢްލީމު ޙާޞިލްކޮށްފައިވުން.
- އިޖްތިމާޢީ ތަރައްޤީއާއި ދުޅަހެޔޮ ކަން (ޚާއްޞަ ގޮތެއްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަމަށް މަސައްކަތްކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވުން).
ވީމާ، މީޑިއާކައުންސިލްގެ އާންމު މެންބަރު ކަމުގެ މަގާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 30 އޮކްޓޯބަރު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރު، އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި) އާއި ކުށުގެ ރެކޯޑް (މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޯޓުތަކުން) އާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯއަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.