މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސްޕްލިޓް ޝިޕްމަންޓްސް ގެ ގޮތުގައި ގެންނަ މުދަލާގުޅޭ؛

މުދާ ވިއްކާފަރާތާއި މުދާ ގަންނަފަރާތާ ދެމެދުގައި ކުރެވިފައިވާ އެއް މުޢާމަލާތެއްގައި ހިމެނޭ މުދާ، ތަފާތު ސަބަބުތަކާ ގުޅިގެން، އެއް ޝިޕްމަންޓެއްގެ ގޮތުގައި ހުށަހެޅުމުގެ ބަދަލުގައި އެކިފަހަރުމަތިން ނުވަތަ ބައިބައި ޝިޕްމަންޓް (ސްޕްލިޓް ޝިޕްމަންޓްސް)ތަކެއްގެ ގޮތުގައި ކަސްޓަމްސް އިން ކްލިއަރކުރަންޖެހޭ ޙާލަތުގައި އަމަލުކުރާނެގޮތް ތިރީގައި މިވަނީއެވެ.

 

1- ފުރަތަމަ ޝިޕްމަންޓްގެ ޑިކްލަރޭޝަން ނިންމާއިރު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި ތިރީގައިވާ އެއްވެސް ލިޔުމެއްގައި ހިމެނޭ މަޢުލޫމާތަށް ބަދަލެއް އަންނަނަމަ ކަސްޓަމްސްއަށް އެކަން އަންގަން ވާނެއެވެ.

(ހ) މާސްޓާރ ޕްރޮފޯމާ އިންވޮއިސް (މުދަލާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ދެނެގަނެވޭ ގޮތަށް ތަފްޞީލާއެކު)؛

(ށ) މާސްޓަރ އައިޓަމް ލިސްޓް (އިމްޕޯޓުކުރެވޭ އައިޓަމްތަކުގެ މަޢުލޫމާތު ދެނެގަނެވޭ ގޮތަށް ތަފްޞީލާއެކު)؛

(ނ) ޝިޕްމަންޓް ޑެލިވަރީ ކުރެވޭނެ ކަމަށް ލަފާކުރާ ތާވަލު؛

(ރ) އައިޓަމްގެ ޑްރޯވިން ނުވަތަ ބިލް އޮފް ކުއެންޓިޓީ (ބީ.އޯ.ކިއު) ނުވަތަ މުދަލުގެ ބާވަތުން މުދަލުގެ ތަފްސީލު ދެނެގަތުމަށްޓަކައި މުދާ ވިއްކި ނުވަތަ ފޮނުވާ ފަރާތުން ފޮނުވާފައިވާ އެންމެހާ ލިޔުންތައް؛ އަދި

(ބ) މުދަލުގެ އަގު ކަނޑައެޅުމަށާއި ޑިކްލަރޭޝަން ނިންމުމަށް ބޭނުންވާނެ އެހެނިހެން މަޢުލޫމާތެއްވާނަމަ، އެފަދަ މަޢުލޫމާތު.

2- ވަކިވަކި ޝިޕްމަންޓްތަށް ކްލިއަރ ކުރުމަށްޓަކައި، ވަކިވަކި ޝިޕްމަންޓަކާގުޅޭ ގޮތުން މުދާ  ވިއްކާ ނުވަތަ ފޮނުވާފަރާތުން ފޮނުވާފައިވާ ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 (ހ) ކޮންމެ ޝިޕްމަންޓެއްގެ މުދާ ޕެކްކޮށްފައިވާ ގޮތުގެ ޕެކިންގ ލިސްޓް (ކުއެންޓިޓީ ތަފްސީލް ދެނެގަނެވޭގޮތަށް)؛

(ށ) ކޮންމެ ޝިޕްމަންޓެއްގެ ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭބިލް.

 

ވީމާ، ސްޕްލިޓް ޝިޕްމަންޓްގެ ގޮތުގައި ގެންނަ މުދަލުގެ ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހެޅުމުގައި މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެއްވުން އެދެމެވެ. އަދި މިފަދަ މުދަލުގެ ޑިކްލަރޭޝަން ދުރާލާ ކަސްޓަމްސް އަށް ހުށަހެޅުއްވުން އެދެމެވެ.

 

25 ޑިސެންބަރު 2022
ހޯދާ