ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވާލާ ޤަރާރު

ކައުންސިލްގެ އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވާލާ ޤަރާރު

 މެއި 2010 ތަޞްދީޤުކުރެވުނު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 6، 21 އަދި 39 ވަނަ މާއްދާއިން ބާރުލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަކީ، އެ ދާއިރާއަކަށް ނިސްބަތްވާ، މި ދެންނެވުނު ޤާނޫނުން މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ހަދާފައިވާ ތަންތަނެވެ. އެގޮތުން ހަމަ އެޤާނޫގައި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ރަށް ހިންގާ ތަރައްޤީކޮށް، ރައްޔިތުންނަށް ދޭންޖެހޭ އެންމެހައި ރަށްވެހި ޚިދުމަތްތައް ދިނުމާއި، ސަރުކާރުން ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރެވޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، ރަށުގެ އެންމެހައި އިޖްތިމާޢީ ކަންކަން ބެލެހެއްޓުމާއި ޤައުމީ އިދާރާތަކަށް ބޭނުންވާ އެންމެހައި އެހީތެރިކަން ދިނުން ހިމެނެއެވެ.

ރައްޔިތުންނަށް ދޭންޖެހޭ އެންމެހައި ޚިދުމަތްތަކާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުމަކީ ކައުންސިލުތަކުގެ ޒިންމާއެކެވެ. އަދި ދައުލަތުގެ ޤައުމީ އިދާރާތަކަށް މަތިކޮށްފައިވާ މެންޑޭޓްތަކާއި އެ އިދާރާތަކުން ދެއްވާ ބައެއް ޚިދުމަތްތައް މެދުނުކެނޑި ރަށުގައި ދިނުމުގެ މަސައްކަތްތައް ކުރުމާއި ޤައުމީ އިދާރާތަކުން އެދޭ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤާނޫނު ނަންބަރު 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލްތަކަށް ލާޒިމުކުރާ ކަންކަމެވެ. ނަމަވެސް ކައުންސިލްތަކުގައި ތިއްބަވާ މަދު މުވައްޒަފުން ކޮޅަކާއެކު ރައްޔިތުންނަށް ދޭންޖެހޭ އެއްމެހައި ޚިދުމަތްތަށް މެދުނުކެނޑި ދިނުމަށް އެ މުވައްޒަފުންގެ ގިނަ ވަގުތުތައް ހޭދަކުރެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ 13 ވަނަ އަހަރު ގުނަމުންދާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ހަވާލުކޮށްފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރާއަށް އެދެވޭ ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ރަށެއްގައި ދައުލަތުގެ އެތަކެއް އިދާރާތައް ޤާއިމުވެފައިވާއިރު، ލާމަރުކަޒީ ޤާނުނުގެ އެއްމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތައް، ރަށުގައި ގާއިމުވެފައިވާ އެހެނިހެން ހުރިހައި އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވެފައި ފަރަޤު ބޮޑުވުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާހުރި ރަނގަޅު މުވައްޒަފުން ކައުންސިލުތަކުގެ ވަޒީފާތަކުން ވަކިވެ އެހެނިހެން ދާއިރާތައް އިޚްތިޔާރު ކުރާކަން ފާހަގަކުރަމެވެ. އަދި ކިޔަވައިގެން ތިބި ރަނގަޅު މުވައްޒަފުން ހޯދުމަށްވެސް ދަތި ކަމުގައި ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ހަރުދަނާކުރުމަށް ކައުންސިލްތަކަށް ހައިބްރިޑް ސިސްޓަމް ތަޢާރަފުކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިފަވާއިރު މިހާތަނަށް ހެދިފައިވާ އެންމެހައި އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނިގަނޑަކީ ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުކަން ފާހަގަ ކުރަމެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މޭ 2022 ގައި ގެޒެޓުކުރެވިފައިވާ އުޞޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފައިވާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ހިމެނޭ ކައުންސިލުތަކެވެ. އަދި ހަތަރުވަނަ ގިންތި ތިންބަޔަށް ބެހިފައިވާއިރު އެ ގިންތީގެވެސް އެންމެ ތިރިން ގިންތި ކުރެވިފައިވަނީ ރަށު ކައުންސިލުތަކެވެ. ޕޭ ފްރޭމް ވަރކްގެ ގިންތީގެ ތިންވަނަ ދަރަޖައިގައި ސަރުކާރުގެ ވުޒާރާތައް ހިމެނިފައިވާއިރު ކައުންސިލް ތަކަކީ ދައުލަތުގެ ވުޒާރާތަކުގެތެރެއިން ގުނޭ އިދާރާތަކަކަށްވެސް ނުވެއެވެ. ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރާއިގެ %35 އެލަވަންސެއް ދެމުން ގެންދާއިރު ކައުންސިލުތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް މިފަދަ އެލަވަންސްތައް ނުލިބި މުސާރައިގެ ފަރަގު އިންތިހާއަށް ބޮޑުވެފައިވުމަކީ ސިވިލް ސަރިވިސްގެ އެކި އިދާރާތަކުގައި އެއްހަމައެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމުގައި މިކައުންސިލުން ދެކެވެ.

ކައުންސިލު އިދާރާތަކަކީ ރަށްފުށުގައި އެންމެ މަސްޢޫލް އަދި އެންމެ ޒިންމާ ބޮޑު ތަނަށްވެފައި، ތަނުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންގެ ޒިންމާތަކާއި އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބެންޖެހޭނެކަމަށް މި ކައުންސިލުން ޤަބޫލުކުރަމެވެ. ރަށު ކައުންސިލުތަކަކީ ވަކި އޮނިގަނޑެއް އޮންނަ، ނަމަވެސް އެންމެ މުސާރަ ކުޑަ އޮނިގަނޑަށްވާތީ އާއި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ އުޞޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފައިވާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން ހިންގާ ކައުންސިލްގެ ދާއިރާތައް ކަމަށްވާތީ އެކަން ބަދަލުކޮށް ސަރުކާރުގެ ވުޒާރާތަކުގެ ލެވެލުގައި ކައުންސިލްތައް ބަލައިގަންނަންޖެހޭކަމަށް މި ކައުންސިލުން ދެކެމެވެ. އަދި ދައުލަތުގެ ވުޒާރާތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި ދެވޭ މުސާރައިގެ %35 އެލަވަންސް، ކައުންސިލެއްގެ އިދާރީ ކޮންމެ މުވައްޒަފަކަށް ދިނުމަށް މި ކައުންސިލުން ގޮވާލުމަށް 2023 މާރިޗު 30 ވަނަ ދުވަހު ބޭއްވި މިކައުންސިލްގެ 4 ވަނަ ދައުރުގެ، 2023ވަނަ އަހަރުގެ 08ވަނަ އާންމު ބައްދަލުވުމުގެ ޤަރާރުން ނިންމަމެވެ. މިޤަރާރުވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްކުރެވިފައެވެ.

 މިޤަރާރަކީ ސައްޙަ ޤަރާރެއްކަމަށް ހެކިވެ ސޮއިކުރެވިފައިމިވަނީ 2023 މާރިޗު 30 ވަނަ ދުވަހުއެވެ.

 8 ރަމަޟާން 1444

30 މާރިޗު 2023

#

މަޤާމާއި ނަން

ސޮއި

ތާރީޚް

 

ފ. ނިލަންދޫ ކައުންސިލްގެ ރަޢީސް ޢަލީ އަޙްމަދު

 

 

1

ފ. ނިލަންދޫ ކައުންސިލްގެ ނައިބް ރަޢީސް އިބްރާހިމް މުޙައްމަދު

 

 

2

ފ. ނިލަންދޫ ކައުންސިލްގެ މެމްބަރު ނަޝީދާ ޢަބްދުއްރަޙީމް

 

 

3

ފ. ނިލަންދޫ ކައުންސިލްގެ މެމްބަރު ސަމީރާ އިބްރާހިމް

 

 

4

ފ. ނިލަންދޫ ކައުންސިލްގެ މެމްބަރު އަޙްމަދު ޝިޔާމް

 

 

 

30 މާރިޗު 2023
ހޯދާ