ދިވެހިރާއްޖެ
މޫސުމީ ދަނޑުވެރިކަން ކުރުމަށްޓަކައި މިހާރު ދޫކޮށްފައިވާ ދަނޑުބިންތަކުގެ ތެރޭގައި އަދިވެސް ރަޖިސްޓްރީ ނުކުރާ ގިނަ ދަނޑުތަކެއް ހުރުމާއެކު މިފަދަ ދަނޑުތަކުގެ ވެރިން، މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި (3 މާރޗް 2024 ގެ ކުރިން) ކަންމުޑި އަޅާ ރަޖިސްޓްރީކޮށް ނިންމެވުން އެދެމެވެ. މި މުއްދަތުގައި ދަނޑުތައް ރަޖިސްޓްރީ ނުކުރާނަމަ، އެފަރާތައް ދޫކުރެވިފައިވާ ދަނޑު ބާޠިލް ކުރެވޭނެވާހަކަ ދަންނަވަމެވެ.
މީގެ އިތުރުން، މިހާރު ދަނޑުތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ކުރެވިފައިވާ ރަޖިސްޓްރީ މުއްދަތު ހަމަވެގެން ރަޖިސްޓްރީ އާކުރަންޖެހިފައިވާނަމަ މިއަދުންފެށިގެން 3 މަސްދުވަހުގެ ތެރޭގައި (3 މާރޗް 2024 ގެ ކުރިން) ރަޖިސްޓްރީ އާކުރުމަށް ދަންނަވަމެވެ.
ހަމަ އެއާއެކު މިހާރަކަށް އައިސް ވަރަށް ގިނަ ދަނޑުތަކުގައި ދަނޑުގެ ވަށައިގެން ކޯރުކޮނެފައިވާކަން ފާހަގަކުރަމެވެ. އަދި މިކޮންނަ ކޯރުތަކުގެ މައްޗަށް ގަސްތަކާއި ވެޔޮތައް އަރާ މަތިބެދިފައި ހުންނައިރު، މިފަދަ ކޯރުތަކަށް މީހުން ވެއްޓި އަނިޔާވަމުންދާތީ، ދަނޑުތަކުގެ ވަށައިގެން ކޯރުކޮނެފައިވާ ފަރާތްތަކުން ކޯރުތައް މަތިފެންނަގޮތަށް އަބަދުވެސް ސާފުކޮށްބޭއްވުމަށް ދަންނަވަމެވެ.