ދިވެހިރާއްޖެ
މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރާ އަހަރު ކަމުގައިވާތީ މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި 2015 ޖުލައި 26 ވަނަ ދުވަހު ރަސްމީ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރުތައް ހިނގަމުންދާއިރު ރަސްމީ ދަނޑަށް ސްކައި ޑައިވް ކުރުމަށްޓަކައި ޚާއްޞަ އިވެންޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ސްކައި ޑައިވްގައި ބައިވެރިކުރެވޭނީ 50 ފަރާތެކެވެ. ސްކައި ޑައިވްގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ މިކަމަށް އެދި މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ސިޓީ ހުށަހަޅާ ފަރާތްތަކުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ 50 ފަރާތެކެވެ. މި 50 ފަރާތް ޝޯޓްލިސްޓްކޮށް އެފަރާތްތަކަށް ސްކައި ޑައިވް ކުރުމުގެ ތަމްރީނު ދެއްވާނީ މެލޭޝިއާގެ ސްކައި ޑައިވް ކުރައްވާ ޚާއްޞަ ޓީމަކުންނެވެ. ސްކައި ޑައިވް ތަމްރީނުތައް އޮންނާނީ މާލެ ނުވަތަ އައްޑޫގައެވެ.
ވީމާ، މިނިވަން ފަންސާހުގެ މުނާސަބަތުގައި ބާއްވާ މި ސްކައި ޑައިވްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ތިރީގައި މިދަންނަވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުން 2015 އެޕްރީލް 9 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ.
- އުމުރު: 18 އަހަރުން މަތި
- ޖިންސް: ފިރިހެން، އަންހެން
- ބަރުދަން: 55 – 80 ކިލޯގްރާމް
- އިސްކޮޅު 1.5 – 1.8 މީޓަރ (5 – 5.7 ފޫޓު)
- ޞިއްޙަތު
- ފިޓުޖެހުން، ނުވަތަ ވާގިނެތުން ހުންނަ މީހެއް ކަމުގައި ނުވުން
- އިންޖެކްޝަން ޖަހައިގެން ހަކުރުބައްޔަށް ފަރުވާކުރާ މީހެއް ކަމުގައި ނުވުން
- ހިތުގެ ބަލިތައް ހުންނަ މީހެއް ކަމުގައި ނުވުން އަދި އަވަހަށް ހާސްވާ މީހަކު ކަމުގައި ނުވުން
- މަސްތުވާ ތަކެތި، ނުވަތަ ރާ ބޭނުންކުރާ މީހެއް ކަމުގައި ނުވުން
- ލޭ މައްޗަށް ދާ، ނުވަތަ ލޭ ދަށަށް ދާ މީހަކު ކަމުގައި ނުވުން
- ވާގިދޫވެގެން އަނބުރައިގަންނަ މީހަކު ކަމުގައި ނުވުން
- ކަންފަތުގެ މައްސަލައެއް ނުވަތަ ސައިނަސް މައްސަލައެއް ހުންނަ މީހަކު ކަމުގައިނުވުން
- ކުއްލިކުއްލިއަށް ހިތް ނުތަނަވަސްވާ މީހަކު ކަމުގައި ނުވުން
- ކިޑްނީއާގުޅޭ ބަލިތައް ހުންނަ މީހަކު ކަމުގައި ނުވުން
- ނޭވާކުރުވާ ނުވަތަ ނޭވާހިއްލާ މީހަކު ކަމުގައި ނުވުން
- ނަފްސާނީ ބަލި ހުންނަ މީހަކު ކަމުގައި ނުވުން
- މައިބަދައިގެ މައްސަލަ ހުންނަ މީހަކު ކަމުގައި ނުވުން
- އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ކަމުގައި ނުވުން
- ކަނދުރާ އަދި ކޮނޑުހުޅުގެ މައްސަލަތައް ހުންނަ މީހަކު ކަމުގައި ނުވުން
16 ޖުމާދަލްއާޚިރާ 1436