ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކުވައިތު އިންޓަރނޭޝަނަލް ޕްރައިޒް އޮފްދަ ހޮލީ ޤުރްއާން 1446/2024 ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

”ޖާއިޒަތުލް ކުވައިތިއްދައުލިއްޔާ ލިޙިފްޡިލް ޤުރްއާނިލްކަރީމި ވަޤިރާއަތިހީ ވަތަޖްވީދި ތިލާވަތިހީ“ (ކުވައިތު އިންޓަރނޭޝަނަލް ޕްރައިޒް އޮފްދަ ހޮލީ ޤުރްއާން) 1446/2024 ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

         2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 13 އިން 20 އަށް ކުވައިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ޖާއިޒަތުލް ކުވައިތިއްދައުލިއްޔާ ލިޙިފްޡިލް ޤުރްއާނިލްކަރީމި ވަޤިރާއަތިހީ ވަތަޖްވީދި ތިލާވަތިހީ“ (ކުވައިތު އިންޓަރނޭޝަނަލް ޕްރައިޒް އޮފްދަ ހޮލީ ޤުރްއާން) 1446/2024 ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މިގޮތުން މުބާރާތުގެ 3 ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައި ވެއެވެ.

ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް:

1-      ފިރިހެނަކަށްވުން.

2-      ދިވެހި ރައްޔިތަކަށްވުން.

3-      ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން.

4-      ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.

ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:

1-      މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން. (މި ކެޓެގަރީގައި ބައިވެރިވެވޭނީ މުބާރާތް ފެށޭ ތާރީޚަށް ޢުމުރުން 13 އަހަރު ފުރި، 25 އަހަރު ނުފުރޭ ބައިވެރިންނަށެވެ. ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ބައިވެރިއަކަށް ވާންވާނެއެވެ.)

2-      ތަރްތީލުން ދިގުރާގަށް ތަޖުވީދުގެ ހަމަތަކާއެކު ޤުރްއާން ބަލައިގެން ކިޔެވުން. (މި ކެޓެގަރީގައި ބައިވެރިވެވޭނީ މުބާރާތް ފެށޭ ތާރީޚަށް ޢުމުރުން 18 އަހަރު ފުރި، 40 އަހަރު ނުފުރޭ ބައިވެރިންނަށެވެ. މި ކެޓެގަރީގައި ކިޔެވޭނީ ތަޙްޤީޤް {ލަސްލަހުން ތަރުތީލުކޮށް، ތަޖުވީދުގެ ހަމަތަކާއެކު މަޤާމާތަށް} އަށެވެ. އަދި ޤުރްއާން ބަލައިގެން ކޮންމެ ތަނަކުން ދެއްކިނަމަވެސް ފަރިތަކަމާއެކު ކިޔަވަން އެނގެންވާނެއެވެ.)

3-      ކުޑަކުދިންނަށް ޚާއްޞަ ކެޓެގަރީ. (މި ކެޓެގަރީގައި ބައިވެރިވެވޭނީ މުބާރާތް ފެށޭ ތާރީޚަށް ޢުމުރުން 8 އަހަރު ފުރި، 12 އަހަރު ނުފުރޭ ބައިވެރިންނަށެވެ. ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ބައިވެރިއަކަށް ވާންވާނެއެވެ.)

ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:

1-      މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.

2-      މަރުކަޒުގެ އިމްތިޙާނުން ފާސްވާ ބައިވެރިންނަށް މުބާރާތަށް ދެވޭނީ މުބާރާތް ބާއްވާ ފަރާތުން (ކުވައިތުގެ އައުޤާފާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން) އޮންލައިންކޮށް ބާއްވާ އޮޑިޝަނުން ފާސްވެގެންނެވެ.

3-      ނުކުޅެދުންތެރިކަން ހުންނަ ބައިވެރިންނަށާއި ތިންވަނަ ކެޓެގަރީގައި ބައިވެރިވާ ދަރިވަރަށް އެކުގައި ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ފުރަތަމަ ކެޓެގަރީ އާއި ތިންވަނަ ކެޓެގަރީގައި ބައިވެރިވާނަމަ ޙާފިޡު ކަމުގެ ސަނަދު، 12 ސެޕްޓެންބަރު 2024 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ "info@nchq.gov.mv" އަށް މެއިލް ކުރެއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2024
ހޯދާ