މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މަޑުއްވަރީ އަންހެނުންނގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެކުލަވާލާފައިވާ "ރ.މަޑުއްވަރީއަށް ޚިދުމަތްކުރާ ނުވަތަ ޚިދުމަތްކޮށްފައިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ އިނާމުދެވޭ ގޮތުގެ އުޞޫލު"

ރ.މަޑުއްވަރީއަށް ޚިދުމަތްކުރާ ނުވަތަ ޚިދުމަތްކޮށްފައިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ އިނާމުދެވޭ ގޮތުގެ އުޞޫލު

  1. 1.         ތަޢާރަފް

1.1

މިއީ ރ. މަޑުއްވަރީއަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި،ޚިދުމަތުގައި މިހާރުވެސް ދެމިތިބި ފަރާތްތަކަށް ، އެބޭފުޅުން ކުރެއްވި އަދި ކުރައްވަމުންގެންދަވާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރ. މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ދެއްވާ ޚާއްޞަ އިނާމެކެވެ.

1.2

މި އުޞޫލަށް ކިޔާނީ "ރ.މަޑުއްވަރީއަށް ޚިދުމަތްކުރާ ނުވަތަ ޚިދުމަތްކޮށްފައިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ އިނާމްދެވޭ ގޮތުގެ އުޞޫލް" އެވެ.

 

  1. 2.      މަޤްޞަދް

މި އިނާމު ދިނުމުގެ މަޤުޞަދަކީ، ރ.މަޑުއްވަރީގެ ލާބަޔާއި މަންފާއަށްޓަކައި، އަންހެން ކަނބަލުން ކުރާ މަސައްކަތްތަކާއި، އެފަރާތްތަކުން ޙާޞިލްކުރާ ކާމިޔާބީއާއި ހުނަރާއި މަތީ ވަނަތައް ފާހަގަކޮށް، އެފަރާތްތަކަށް ލިބޭ ރީތިނަން ބަލައިގަނެ، އެކަންކަމަށް ހިތްވަރުދީ  އެފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމެވެ.

 

  1. 3.      އެވޯޑް ދެވޭ މައިގަނޑު އުޞޫލްތަކާއި ޝަރުތުތައް

3.1           މި އެވޯރޑް ދެވޭ މައިގަނޑު އުޞޫލުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.

ހ. މި އެވޯރޑް ދެވޭނީ ކޮންމެ 5 އަހަރަކުން 1 އަހަރުއެވެ.

ށ. އެވޯރޑް ދިނުމުގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުން، މަސައްކަތުގެ މުއްދަތު ގުނާނީ އެމީހެއްގެ އުމުރުން 18 (އަށާރަ) އަހަރު ވުމަށްފަހު ކުރާ މަސައްކަތަށެވެ.

ނ. މި އެވޯޑަށް ކުރިމަތި ލުމަށް އިޢުލާންކުރުމުން، ނަން ހުށަހެޅޭނީ އެވޯޑަށް ނަން ހުށަހަޅާ ފޯމު ފުރިހަމަކޮށް ހުށަހެޅުމުންނެވެ. ( ފޯމުގެ ނަމޫނާ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ)

ރ. ފޯމާއިއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ދާއިރާއާއި ގުޅުންހުރި ލިޔެކިޔުން، އަދި ހުށައަޅާފަރާތުގެ ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވީޑިއޯ ހުރިނަމަ ހުށަހަޅަންވާނެއެވެ.

ބ. މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފޯމުގެ އެއްވެސް ބައެއް ފުރިހަމަ ނުވާނަމަ ނުވަތަ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާނަމަ، ފޯމު ފުރިހަމަވީ ކަމަކަށް ނުބެލެވޭނެއެވެ.

ޅ. އެވޯރޑަށް ލިސްޓްކުރެވޭނީ އެވޯރޑަށް އެދި ހުށައަޅާ ފޯމް ފުރިހަމަކުރާ ފަރާތްތަކާއި، މި އުޞޫލުގެ   7.5، 7.6 އަދި 7.7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެވޯރޑަށް ރ.މަޑުއްވަރީ އެވޯޑިންގ ކޮމެޓީން ލިސްޓްކުރާ ފަރާތްތަކެވެ.

ކ. އެވޯޑަށް އެހެންފަރާތަކުން މީހެއްގެ ނަން ހުށަހަޅާނަމަ ހުށަހެޅޭ މީހަކީ ދުނިޔޭގައި ހުރި މީހަކަށް ވާންވާނެއެވެ.    (މިގޮތަށް ނަން ހުށަހެޅޭނީ އާއިލީގޮތުން ގުޅިފައިވާ ފަރާތްތަކަށެވެ.)

އ. މި އެވޯޑަށް ނަން ހުށަހަޅާ ފަރާތަކީ، ރ.މަޑުއްވަރީގެ ރަށްވެހީންގެ ރަޖިސްޓްރީގައިވާ ފަރާތަކަށްވުން ނުވަތަ އެވޯޑަށް އެދި ހުށަހަޅާ ފަރާތުގެ މަންމަ ނުވަތަ ބައްޕައަކީ ރ. މަޑުއްވަރީ ރަށްވެއްސަކަށްވާންވާނެއެވެ.

ވ. މި އެވޯޑަށް ނަން ހުށަހަޅާ ފަރާތަކީ މި އުޞޫލުގައި ބަޔާންކުރާ ދާއިރާއެއްގައި މަސައްކަތްކުރި ނުވަތަ އެ ދާއިރާއަކުން ނަތީޖާ ނުވަތަ ވަނައެއް ޙާސިލްކުރި ފަރާތެއް ކަމުގައިވާންވާނެއެވެ.

މ. މި މާއްދާގެ (ވ) ގައި ބަޔާންކުރާ ނަތީޖާ ނުވަތަ ވަނަ ޙާޞިލްކުރީ ބައިނަލް އަޤުވާމީ ނުވަތަ ޤައުމީ މުބާރާތަކުންނަމަ ޙާސިލްކުރި ވަނައަކީ ބައިނަލް އަޤުވާމީ ނުވަތަ ދިވެހި ސަރުކާރުން ޤަބޫލުކުރާފަދަ އެވޯޑެއް ކަމުގައިވާންވާނެއެވެ.

 

  1. 4.      އެވޯޑިންގ ކޮމިޓީ އެކުލަވާލާނެގޮތް

4.1        މި އުޞޫލުގައި ބަޔާންކުރާ އެވޯޑްތައް ލިބޭ ފަރާތްތަށް ކަނޑައަޅާނީ ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެކުލަވާލާ ކޮމެޓީއަކުންނެވެ.

 

4.2        މި މާއްދާގެ 4.1 ގައި ބުނާ ކޮމިޓީއަށް މީގެ ފަހުން ކިޔާނީ، "އެވޯޑް ކޮމިޓީ" އެވެ.

4.3        މި ކޮމިޓީ އެކުލަވާލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

ހ. ކައުންސިލްގެ ރައީސް

ށ. ކައުންސިލްގެ އިދާރީ ސްޓާފެއް

ނ. ކައުންސިލްގެ އެސް.ޖީ ނުވަތަ އެކްޓިންގ އެސް.ޖީ

ރ. މުއައްސަސާ ތަކުގެ ތެރެއިން ސުކޫލް އަދި ޞިއްޙީ މަރުކަޒުގެ ވެރިން ނުވަތަ އެ މުއައްސަސާ ތަކުން އ.ތ.މ ކޮމިޓީން ޢައްޔަންކުރާ ފަރާތްތައް

ބ. ރ.މަޑުއްވަރީގައި އެއިރެއްގައި އެންމެ އިސްކޮށް ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް ނިސްބަތްވާ 2 (ދޭއް) ފަރާތް

 

 

  1. 5.      އެވޯޑް ދެވޭނެ ދާއިރާތައް

5.1  މި އުޞޫލުގައި ބަޔާންކުރާ އެވޯޑް ނުވަތަ ހަނދާނީ ފިލާދެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ދާއިރާ ތަކުންނެވެ.

ހ. މަސްކައްކާ ހިއްކުމުގެ ދާއިރާ

ށ. އަތްތެރި މަސައްކަތް / ފަންނުވެރިކަމުގެ ދާއިރާ

ނ. ގޭގައިތިބެގެން ކުދިވިޔަފާރި ކުރާ ފަރާތްތައް

ރ. ފެހުމުގެ ދާއިރާ

ބ. ތަޢުލީމީ ދާއިރާ

ޅ. ޞިއްޙީ ދާއިރާ

ކ. ދަނޑުވެރިކަމުގެ ދާއިރާ

އ. ޖުޑިޝަރީ

ވ. ކުޅިވަރު

މ. ޒުވާން މަސައްކަތްތެރިން ( އަންހެން)

ފ. ދިވެހި ބޭސްވެރިކަމުގެ ދާއިރާ

ދ. ޓުއަރިޒަމް

ތ. ދީނީ (ޤުރުޢާން ކިޔަވައިދިނުން/އުނގަންނައިދިނުން، ކަށުކަމާކެމި، ދީނީ ތަޢުލީމް)

ލ. ރަށަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވި ފަރާތްތައް ( ސިވިލް ސާރވިސް ނުވަތަ ޕްރައިވެޓް ސެކްޓަރ)

ގ. ރަށަށް ރީތިނަން ހޯދައިދޭ ހުނަރުވެރި ކަނބަލުން

ޏ. އިޖުތިމާޢީ ދާއިރާ

 

  1. 6.      ދެވޭނެ އެވޯޑްތައް

6.1   މި އުޞޫލުގެ ދަށުން ދެވޭނީ އަންނަނިވި އެވޯޑްތަކެވެ.

ހ. ރަސްރަނި އެވޯޑް

ށ. ރަނިކަނބާ އެވޯޑް

ނ. ދޮންހިޔަލަ އެވޯޑް

ރ. ރަސްކަމަނަ އެވޯޑު

ބ. ނަލަޗާލު މަޑުއްވަރީ އެވޯޑް

ޅ. މަދަދު އެވޯޑް

ކ. ފަންނުވެރި ފިލާ (ފާހަގަކޮށްލެވޭ އެކި ދާއިރާތަކުން ދެވޭ ހަނދާނީ ފިލާ)

އ. ރަސްކަމަނަ ފިލާ

6.2 މި މާއްދާގެ 6.1 ގައި ބަޔާންކުރާ އެވޯޑްތަކުގެ ގޮތުގައި ދެވޭނީ އައްޑަނަ، ހަނދާނީ ފިލާ އަދި ސޭޝްއެވެ.

 

  1. 7.      އެވޯޑްލިބޭ ފަރާތްތައް ކަނޑައަޅާނެގޮތް

7.1           ރަސްރަނި އެވޯޑް

ހ. ރަސްރަނި އެވޯޑަކީ، ރަށު ފެންވަރުގައި އެރުވޭ ޚާއްޞަ އެޥޯޑެކެވެ.

ށ. މި އެވޯޑަށް ކުރިމަތިލެވޭނީ، ކޮންމެވެސް މުޢައްސަސާއެއްގެ ނުވަތަ އަމިއްލަ ފަރުދީ ޙައިޞިއްޔަތުން ނުވަތަ ވެރިއެއްގެ ޙައިސިއްޔަތުން ހިންގުމުގެ ދާއިރާގައި، ރަށާއި އަދި ޤައުމަށް 25 (ފަންސަވީސް) އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް ޚިދުމަތްކޮށްފައިވާ ކަނބަލުންނަށެވެ.

ނ. މި އެވޯޑް ދެވޭނެ ފަރާތްތަށް ކަނޑައަޅާނީ، އެވޯޑް ކޮމިޓީއިންނެވެ.

 

7.2           ރަނިކަނބާ އެވޯޑް

ހ. ރަނިކަނބާ އެވޯޑަށް ކުރިމަތިލާ ފަރާތްތަކީ 15 (ފަނަރަ) އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް އެކިރޮނގު ރޮނގުން މުޖުތަމަޢު ބަލައިގަންނަ ޚިދުމަތްތަކެއް ކޮށްފައިވާ ކަނބަލަކަށްވާންޖެހެއެވެ.

ށ. މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައެޅުމުގައި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން ރަށާއި މުޖުތަމަޢުއަށް އެފަރާތްތަކުގެ ސަބަބުން ލިބިފައިވާ ފައިދާއާއި މަންފާއަކީ ކޮބައިކަން ބެލޭނެއެވެ.

ނ. މި އެވޯޑަށް ކުރިމަތިލުމަށް ނަން ހުށަހަޅަންވާނީ، މި އުޞޫލުގެ 3 ވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަކޮށް އެވޯޑަށް ނަން ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.

 

7.3           ދޮންހިޔަލަ އެވޯޑް

ހ. ދޮންހިޔަލަ އެވޯޑް އެރުވޭނީ، އުމުރުން 45 (ސާޅީސް ފަހެއް) އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ރޮނގުން ރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ޑިގްރީ ލެވެލް ) ނުވަތަ 9 ( މާސްޓަރ ލެވެލް) ޙާޞިލްކޮށްފައިވާ ކަނބަލުންނަށެވެ.

ށ. މި އެވޯޑަށް ކުރިމަތިލުމަށް ނަން ހުށަހަޅަންވާނީ، މި އުޞޫލުގެ 3 ވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަކޮށް އެވޯޑަށް ނަން ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.

 

7.4           ރަސްކަމަނަ

ހ. މި އެވޯޑަކީ، ރަށަށް ޢިޖްތިމާއީ ރޮނގުންނާއި، އިޤުތިޞާދީ ގޮތުން އެފަރާތްތައް ތަމްޞީލްކުރާ ދާއިރާއިން ކޮށްދީފައިވާ ޚިދުމަތްތަކާއި، ކަނބަލުން ބާރުވެރި ކުރުވުމަށްޓަކައި އެކިއެކި ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށް އެފަދަ ކަނބަލުންގެ އަގުވަޒަން ކުރުމަށްޓަކައި އެރުވޭ އެވޯޑެކެވެ.

ށ. މި އެވޯޑަށް ކުރިމަތިލުމަށް ނަން ހުށަހަޅަންވާނީ، މި އުޞޫލުގެ 3 ވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަކޮށް އެވޯޑަށް ނަން ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.

 

 

 

7.5           ނަލަޗާލު މަޑުއްވަރި އެވޯޑް

ހ. ނަލަ ޗާލު މަޑުއްވަރީ އެވޯޑަކީ، ރ.މަޑުއްވަރީގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ނުވަތަ ފަރުދީ ޒިންމާއެއްކަމުގައި ދެކިގެން ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި އަދި ރަށުގެ ވެށި ހިމާޔަތްކުރުމަށް އެފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުން ރަށަށް ރީތި ނަން ހޯދައިދޭ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެރުވޭ އެވޯޑެކެވެ.

ށ. މި އެވޯޑް ދެވޭނެ ފަރާތްތަށް ކަނޑައަޅާނީ، އެވޯޑް ކޮމިޓީއިންނެވެ.

 

7.6              މަދަދު އެވޯޑް

މަދަދު އެވޯޑަކީ، ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އަންހެނުންގެ ތަރައްޤީއަށާއި އަދި އަންހެނުން ބާރުވެރިކުރުމަށާއި އަދި އަންހެނުންގެ މާލީ މަންފާ އިތުރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި މަދަދުވެރިވާ ރިސޯޓަށް ނުވަތަ ރިސޯޓްތަކަށް އެރުވޭ ޝަރަފްވެރި އެވޯޑެކެވެ.

 

7.7           ފަންނުވެރި ފިލާ (ފާހަގަކޮށްލެވޭ އެކި ދާއިރާ ތަކުން ދެވޭ ފިލާ)

 

7.71 ފަންނުވެރި ފިލާއަކީ، އެކި ދާއިރާތަކުން އަންހެން ކަނބަލުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެގޮތުން އެކަނބަލުންނަށް ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އަރުވާ ހަނދާނީ ފިލައެކެވެ.

7.72 މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ އެ  ފަރާތަކުން މަސައްކަތްކުރާ ދާއިރާއަކުން 05 (ފަހެއް) އަހަރަށް ވުރެ ކުރުނޫން މުއްދަތަކަށް މެދުކެނޑުމެއްނެތި މުޖުތަމަޢުއަށް ޚިދުމަތްކޮށްދީފައިވާ ނުވަތަ ކުރަމުންދާ ފަރާތަކަށް ވާންވާނެއެވެ

7.73 މިފިލާ ދެވޭ ފަރާތްތަށް ކަނޑައެޅުމުގައި އަންނަނިވި މަސައްކަތްތައް ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހ. ޢާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތްކުރާ ފަރާތްތައް. ( މިސާލަކަށް؛ ރޭނުން، ސިމެންތިޖެހުން، މަސްވެރިކަން، އަތްތެރި މަސައްކަތް ފަދަ މަސައްކަތްތައް)

ށ. އިޖުތިމާޢީ ގޮތުން މަސައްކަތްތަށް ކުރުމުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ފަރާތްތައް.

ނ. ފެހުމާއި، މާޖެހުން އަދި ޖަރީކުރުންފަދަ މަސައްކަތްތައް ދިގުމުއްދަތަކަށް ކުރަމުންދާ ފަރާތްތައް.

ރ. ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތައް

ބ. މި އުޞޫލުގެ 05 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުން މަސައްކަތްކުރާ ފަރާތްތައް

 

7.8     ރަސްކަމަނަ ފިލާ

ރަސްކަމަނަ ފިލާއަކީ، ސަރުކާރުގެ މަޤާމެއްގައި 30 އަހަރު ނުވަތަ އެއަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިތިބި ފަރާތްތަކަށްދެވޭ އެވޯރޑެއް. މި އެވޯޑަކީ ރަށުފެންވަރުގައި އެރުވޭ އެންމެ މަތީ އެވޯޑެވެ.

 

  1. 8.      އުޞޫލަށް ޢަމަލުކުރަން ފެށުން

މި އުޞޫލަށް ޢަމަލުކުރަންފަށާނީ، ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޖަލްސާއިން ފާސްކޮށް ޢިޢުލާންކުރާ ދުވަހުން ފެށިގެންނެވެ.

 

  1. 9.      އުޞޫލު ހިންގާ އަދި ތަންފީޒުކުރާ ފަރާތް

މި އުޞޫލު ހިންގާ އަދި ތަންފީޒުކުރުމުގެ އެންމެހާ ކަންކަން ކުރާނީ ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންނެވެ.

 

  1. 10.  އުޞޫލަށް ބަދަލު ގެނައުމާއި އުޞޫލުގައި ނެތްކަމެއް ދިމާވުން

މި އުޞޫލަށް ބަދަލު ގެނެސް އުނިއިތުރު ގެނައުމާއި، އުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ،  އެކަމެއްގައި ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިގެންވަނީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ. އަދި އެގޮތަށް ނިންމާ ނިންމުމަކީ، އުޞޫލުގެ ބައެއްގެ ގޮތުގައި ބެލެވޭނެއެވެ.

10 ސެޕްޓެންބަރު 2024
ހޯދާ