މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިނާވެނި ޕްލޭންކޮށް ހިންގުމުގެ ބިލު ތަސްދީގުކޮށްފަވާތީ އެކަމާއި ދެކޮޅު ގަރާރު

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ރޫހާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި މަގްސަދުތަކާއި ބިނާވެށި ގާނޫނު ތައާރަޒުވާ ހިނދު، 08 ސެޕްޓެމްބަރ ގައި، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގާނޫނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް އާއްމުކޮށްފައިވާތީ އެކަމާއި މިކައުންސިލުން ދެކޮޅު ހަދަމެވެ.

ރައްޔިތުންނާ އެންމެ ގާތުން ރައްޔިތުން ތަމްސީލުކޮށްދީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނުހަނު ނޭދެވޭ އަސަރުތައް މިގާނޫނުގެ ސަބަބުން ކުރާހިނދު، އަދި މިބަދަލުތަކުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައުއަށް އެންމެ ފައިދާ ވާނޭ ގޮތަށް ރާވާ ތަރުތީބު ކުރުމުގެ ފުރުސަތު މުޖުތަމައުތަކުން ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތެވެ.

މިބިލަށް ހިޔާލު ހޯދުމުގެ ކުރު މަރުހަލާގައި ކައުންސިލްތަކާ، ރާއްޖޭގެ ފަންނީ މާހިރުންނާއި، އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލްތަކަށް އެއްވެސް މިންވަރަކަށް މަޖިލީހުން ރިއާޔަތްކޮށްފައި ނުވެއެވެ. އަދި ލޯކަލް ގަވަރމަންޓް ވުޒާރާއާއި މަޝްވަރާ ކޮށްފައިނުވާކަމަށް އެވުޒާރާއިން ހާމަކޮށްފައިވާ ހިނދު، ލޯކަލް ގަވަރމަންޓް ވަޒީރު މަޖްލީހުގެ ކޮމިޓީގައި ދެއްވާފައިވާ އިރުޝާދުތަކާ މިގާނޫނު ތައާރުޒުވާކަން ފާހަގަކުރަމެވެ. އަދި އެވުޒާރާއިން ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ދިރާސާކޮށް، މަޝްވަރާތައް ފެށުމަށް ވަމުންދާ ތައްޔާރީތަކަށް މިގާނޫނޫ ފާސްކުރުމުގައި ކައުންސިލްތަކާ، ފަންނީ މާހިރުން އެކަހެރިކުރުމުން ސަރުކާރުން ރައްޔިތުންނާ ކައުންސިލްތަކުގެ ބައިވެރިވުން ހޯދާނެކަމަށް ވީ ވައުދަށް ހިޔަނިއެޅިއްޖެއެވެ.

ދިގު ޒަމާންތަކަށްފަހު ކަނޑައެޅިގެންދިޔަ ކައުންސިލްތަކުގެ އިހްތިސާސީ ރޮނގު މުޖުތަމައުގެ ބަހެއްނެތި ފުހެލުމުގެ ބާރު ވަޒީރަކަށް ލިބެއެވެ. މުޖުތަމައުގެ ބަހެއްނެތި، ސަރުކާރުތަކުން ވިއްކަމުންދާ ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބުކުރުމަށް ހުރި ދޮރުތައް މިގާނޫނުން އެއްކޮން ބަންދުކޮށް، ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ލައިދެއެވެ.

މިހާތަނަށް މިފަދަ ގާނޫނުތައް އުފަންކޮށްގެން، ރައްޔިތެއްގެ އެއްވެސް ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭނުތަކުން ބޮޑެތި އިންވެސްޓްމަންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ދިވެހި ރައްޔިތުންނަށް ފައިދާވެފައިނުވާ ހިނދު، ރައްޔިތުންގެ ބަހާ، ބައިވެރިވުމާ ނުލާ ހިންގާފައިވާ ހަރަކާތްތަކުން ހިންގާފައިވަނީ އެންމެ ބޮޑެތި ވައްކަމާ ހިޔާނާތާ ޓެކުންކަން ރާއްޖޭގެ ތާރީހުން ދައްކުވައިދެއެވެ.

އެހެންކަމުން މިގާނޫނު އަނބުރާ އިސްލާހުކުރުމަށް ގޮވާލާ، މިހާރު މިގާނޫނު އޮތް ގޮތާ ދެކޮޅުކަމަށް އިގުރާރުވެ، އަދި ގާނޫނު އިސްލާހުކުރުމަށް ކެނޑިނޭޅި ވަކާލާތުކޮށް، މަސައްކަތްކުރުމަށްވެސް އިގުރާރުވަމެވެ.

މިގަރާރު ފާސްކޮށްފަވަނީ މިކައުންސިލްގެ 116 ބައްދަލުވުމުގައި 17 ސެޕްޓެމްބަރ 2024 ވީ އަންގާރަ ދުވަހުއެވެ.

17 ސެޕްޓެމްބަރ، 2024

17 ސެޕްޓެންބަރު 2024
ހޯދާ