ދިވެހިރާއްޖެ
ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ، ކްލަބް ޖަމުޢިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށްގެން ބާއްވާ ޖަމްޢިއްޔާތަކުގެ މިއަހަރުގެ ޤައުމީ ފޯރަމް އޮކްޓޫބަރު 28 އިން 29 އަށް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމުގެ މައިގަނޑު މަޤްސަދަކީ، ހިލޭސާބަހަށް މަސައްކަތްކުރުމަށް އުފެދިފައިވާ ޖަމުޢިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް ތަރައްޤީކުރުމަށް ސަރުކާރާ ގުޅިގެން ކުރެވެން ހުރި ކަންތައްތައް ފާހަގަކޮށް، ޖަމުޢިއްޔާތަކުގެ ދައުރު އިތުރަށް ފުޅާކުރުމަށް ޖަމުޢިއްޔާތަކުން އިސްނަގައިގެން ކުރެވޭނެ ކަންތައްތައް ދެނެގަތުމެވެ.
އަދި މީގެއިތުރުން ޖަމުޢިއްޔާތައް ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި މިކަންކަން ޙައްލުކުރުމުގައި ޖަމުޢިއްޔާތަކާއި ސަރުކާރުން ކުރެވޭނެ ކަންތައްތައް ފާހަގަކުރުމެވެ.
ފޯރަމުގައި ބައިވެރިވުމުގެ ޝަރުޠުތައް:
(ހ) މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ރަޖިސްޓަރީ ކުރެވިފައިވާ ޖަމުޢިއްޔާއެއް ކަމުގައިވުން.
(ށ) މުއްދަތު ހަމަނުވާ ހިންގާ ކޮމިޓީއެއް ރަޖިސްޓަރީ ކުރެވިފައިވުން.
(ނ) ވޭތުވެދިޔަ 2 އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިވުން.
ވީމާ، މި ފޯރަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން، ފޯރަމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 16 އޮގަސްޓް 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. "ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމުގައި ބައިވެރިވުމަށް އެދޭ ފޯމު" މި މިނިސްޓްރީގެ ވެބް ސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3323824 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ jamiyya@homeaffairs.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
30 ޝަޢުބާން 1436