ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ:(IUL)10-M/10/2018/22
އިޢުލާން
ޤާނޫނު ނަންބަރު 47/78 "ނޫސްމަޖައްލާ ފަދަ ތަކެތީގެ ޤާނޫނު" ގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" އިޞްލާޙްކުރެވިފައިވާތީ މިގަވާޢިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ ޝަރުޠެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.
ނޫސްމަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ވާގޮތުން މިހާރު ޤަވާޢިދަށް ނުފެތޭ ވަރަށް ގިނަ އެޑިޓަރުން ތިއްބެވުމާއި އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި މިހާރު އެޑިޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ގިނަބޭފުޅުންގެ އެދުމުގެ މަތިން އެބޭފުޅުންނަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" ގެޒެޓްގައި ޝާއިޢުކުރުމާއި ހަމައަށް އެޑިޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިމާއްދާއަށް ޢަމަލުކުރުން 18 މަސްދުވަހަށް ވަނީ ފަސްކުރެވިފައެވެ.
އަދި ދަންނަވަމެވެ. މިހާރު ތިއްބެވި އެޑިޓަރުންނަށް ޚާއްޞަކޮށްގެން ޑިގްރީ ފެންވަރުގެ ކޯހެއް އެކުލަވާލުމުގެ މަސައްކަތް ކަމާގުޅުންހުރި ދާއިރާތަކާގުޅިގެން މިނިސްޓްރީން މިދަނީ ކުރަމުންނެވެ. މިކޯސްއެކުލަވާލެވުނުހާ އަވަހަކަށް މިކަމަށް އެދިވަޑައިގަންނަވާ އެޑިޓަރުންނަށް ފުރުޞަތު ހުޅުވާލެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
08 ރަޖަބު 1439
25 މާރިޗު 2018