ދިވެހިރާއްޖެ
އިޢުލާން
"ޤައުމީ ފެންވަރުގައި މާމަ، ކާފަ ދުވަސް ފާހަގަ ކުރުމާ" ގުޅޭ
ޤައުމީ ފެންވަރުގައި ޤައުމީ މާމަ، ކާފަ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާ ފައެވެ. މިއީ މި ފަދަ ދުވަހެއް ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
ޤައުމީ ފެންވަރުގައި މާމަ، ކާފަ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންނަށް ލިބިފައިވާ ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމަކީ މުހިންމު ކަމެއްކަން ހާމަކޮށްދިނުމާއި، މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ގިންތިއަކާއި، ފަންތިއެއްގެ ބަޔަކު ވެސް ހަވާސާކުރުމެއްނެތި އެންމެންގެ ބައިވެރިވުން އެކުލެވޭ ވެއްޓެއްގެ ގޮތުގައި މުޖުތަމަޢު ހެދުމެވެ.
އެ ގޮތުން ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތަކުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ އެހެނިހެން ދުވަސްތައް ފާހަގަކުރާ ގޮތަށް ޤައުމީ މާމަ، ކާފަ ދުވަސް ފާހަގަކޮށް، ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި މާމައިންނަށާއި ކާފައިންނަށް ލޯތްބާއި އަޅާލުމާއި، އިޙްތިރާމް އެންމެ މަތީދަރަޖައަކަށް އަށަގަނެވި ތިން ޖީލު ގުޅިގެން އެކުވެރި، އަޅައިލާ އަދި އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އެހެންކަމުން ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އެ ރަށެއްގައި އުފެދިފައިވާ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ.
ވީމާ، 2020ވަނަ އަހަރުން ފެށިގެން ޤައުމީ މާމަ، ކާފަ ދުވަސް ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހު ޤައުމީ ފެންވަރެއްގައި ފާހަގަކުރަން ސަރުކާރު ކަނޑައަޅާފައިވާކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
10 ޑިސެންބަރު 2019