ދިވެހިރާއްޖެ
ހައި އެޗީވަރސް ސްކޮލަރޝިޕް 2019 |
2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހުޅުވާލަމެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހައި އެޗީވާރސް ސްކޮލަރޝިޕް އުސޫލުގެ ދަށުން ފުރުޞަތު ދެވޭނީ، މިމިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ"ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށެވެ. އަދި ކިޔެވުމުގެ ޚަރަދު، މި ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.
މި ސްކޮލަރޝިޕް ލިބުމަށް ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. 1- ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުން. 2- "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް މަދުވެގެން 5 މާއްދާއިން A ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން A ޙާޞިލްކޮށްފައިވުން. 3- . ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތުން.
މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ތިރީގައިވާ ޤައުމުތަކުގެތެރެއިން ޤައުމެއްގައި ކިޔެވުމަށެވެ. - ދިވެހިރާއްޖެ - ސާރކްގެ އެހެނިހެން ޤައުމުތައް - މެލޭޝިޔާ - ތައިލެންޑް - ފިލިޕީންސް - ޗައިނާ - އޯއީސީޑީ ޤައުމުތައް
މަތީގައި ދެންނެވި ޝަރުޠު ފުރިހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ތިރީގައިވާ ލިޔުންތައް ވަރަށް އަވަހަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާނީ: https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް އެ ޕޯޓަލްގައި އެކަމަށް އޮންނަ ފޯމު ފުރުއްވައިގެންނެވެ.
މި ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދެވުން އަވަސްކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
މި ސްކޮލަރޝިޕްގެ އުޞޫލު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv ގައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ schol@mohe.gov.mv އަށެވެ. |