ދިވެހިރާއްޖެ
ސ.ފޭދޫ ޒޫމް ނަމަކަށް ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތް ނީލަންކިޔުން
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓްގެ ނަންބަރ S4C-B/2021/3(18 އޭޕްރީލް 2021) އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އަލުން އަގު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރ 51/S4C/2016 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގައި ބަލަމުންދާ ނަންބަރ 229/S4C/2016 ޤަޟިއްޔާ އާއި ގުޅިގެން ސ.ހިތަދޫ ޒޫމް ޕްލަސް މުޙައްމަދު ފިރާޤް (އައިޑީކާޑްނަންބަރ A015837) ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސ.ފޭދޫ ''ޒޫމް'' ނަމަކަށް ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތް ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.
ވިއްކާލެވޭ ބިމުގެ ނަން: ސ.ފޭދޫ ޒޫމް 824
ވިއްކާލެވޭ ބިމުގެ ބޮޑުމިން: 7542.25
ނީލަމްގައި ވިއްކާލެވޭ މުދަލުގެ ތަފްޞީލު: ސ.ފޭދޫ ''ޒޫމް'' ނަމަކަށް ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތް
ނީލަމުގެ ތަފްޞީލު:
ނީލަން ފެށޭއަގު: 910934ރ.
ސިޓީލުމުގެ ސުންގަނޑި: 2021 ޖޫން 01 ގެ 13:00 ގެ ކުރިން
ބިމާއި މުދާހުރިތަން: އައްޑޫ ސިޓީ ސ.ފޭދޫ
ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ވެބްސައިޓް (http://s-feydhoo.courts.gov.mv) ގައި އިޢުލާންކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ 2021 ޖޫން 01 ގެ 13:00 އާ ހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގަކަށެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓުން އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ކޯޓުން އަންގާ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ އައްޑުއަތޮޅު ފޭދޫ ކޯޓަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ އެ ހުށަހެޅުން ބާޠިލްކުރުމަށް ނުވަތަ ދެވަނަ އަށް އެންމެމަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމުމާމެދު، ނުވަތަ ނީލަން އަލުން ފެށުމާއި މެދު ގޮތެއް ކަނޑައަޅާނީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓުންނެވެ.
ނީލަން ނިންމުނުކަން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓުން ކަނޑައަޅާ ވަކިފަރާތަކަށް ނައަންގާ ހިނދެއްގައި ، ނީލަން ބާޠިލްކުމުރުމުގެ އިޚްތިޔާރު އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވެއެވެ.
އަގު ހުށަހެޅުން:
ހުށަހަޅާންޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި އެކު ސިޓީ އުރައެއްގައި ބަންދުކޮށް ހެނދުނު 09:00 އާއި މެންދުރު ފަހުގެ 13:00 އާއި ދެމެދު އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުންއެދެމެވެ. ސިޓީ އުރައިގެ ބޭރުގައި '' ސ.ފޭދޫ ޒޫމް ނަމަކަށް ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތް ނީލަންކިޔުން'' މިހެން ލިޔެފައި އޮންނަންވާނެއެވެ.
- އަމިއްލަ ފަރުދެއްނަމަ : ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފްކޮށް ބަޔާންކޮށްފައިވާ ސިޓީއެއް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ކުންފުންޏެއްނަމަ: މި ނީލަމާއި ގުޅިގެން އައްޑުއަތޮޅުފޭދޫ މެޖިސްޓްރޭޓް ކޯޓާއި މުޢާމަލާތް ކުރާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރަކާއިއެކު އަގު ސާފުކޮށް ބަޔާންކޮށްފައިވާ ސިޓީއެއް.
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- މި ނީލަމާއި ގުޅިގެން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓާއި މުޢާމަލާތް ކުރާނެ ފަރާތެއް އައްޔަންކޮށްފައިވާ ކުންފުނީގެ ޤަރާރު.
- ކުންފުނީގެ އަސާސީ ޤަވާޢިދު އަދި ހިންގާ ޤަވާޢިދުގެ ކޮޕީ
މީގެ އިތުރުން ނީލަމަށް ހުށަހަޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް(ފާއިތުވި 01 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ 19 މެއި 2021 ގެ ފަހުގެ ތާރީޚަކަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓްވާންވާނީ ސީދާ އެފަރާތެއްގެ ނަމުގައި ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. ނަމަވެސް އަގުމަތިކުރުމުގެ ގޮތުން ދެވަނަ ފަހަރަށް އަގު ހުށަހަޅާނަމަ ސީދާ އެފަރާތެއްގެ ނަމުގައި ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމުގެ ކޮޕީއެއް ހުށަހެޅިދާނެއެވެ. މިނީލަމާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެވިފައިނުވާ ނަމަ، ނީލަން ބާޠިލްކުރުމުގެ ޙައްޤު އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.
ވީމާ، މިނީލަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 01 ވަނަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓަށް އަގު ހުށަހަޅާ ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 6893444،6893513 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
---------------------------
20 މެއި 2021