ޢާންމު މަޢުލޫމާތު
ނަންބަރު: (PR)218-Audit/PRIV/2024/2
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 17:22
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުން އެވިޑް ކޮލެޖަށް ފިޔަވަޅު އެޅުން

އެވިޑް ކޮލެޖްގައި ހިންގަމުން އަންނަ ގިނަ ޕްރޮގްރާމްތަކެއްގެ ޝަކުވާ މި އޮތޯރިޓީއަށް ވަނީ ލިބިފައެވެ. މިގޮތުން ލެކްޗަރަރ އިންނަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ، ދަރިވަރުންގެ އިމްތިޚާން ކަރުދާސްތައް ބައެއް ލެކްޗަރަރއިން މާރކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހިފައިވާކަން މި އޮތޯރިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ފާހަގަކޮށްފައިވެއެވެ. ވުމާއެކު، މި ޝަކުވާތަކާ ގުޅިގެން މި އޮތޯރިޓީން ވަނީ އެވިޑް ކޮލެޖްގެ 7 ޕްރޮގްރާމެއްގެ 'ރެންޑަމް ބެޗް އޮޑިޓް' ކުރިއަށް ގެންގޮސްފައެވެ. މި އޮޑިޓްގައި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ޚިލާފަށް ގިނަ ކަންތައްތަކެއް އެވިޑް ކޮލެޖުން ކޮށްފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. އޭގެ ތެރޭގައި،

 

  1. ޕްރޮގްރާމްތައް ހިންގަނީ ދީފައިވާ ޕްރޮގްރާމް އެކްރެޑިޓޭޝަނާ އެއްގޮތަށް ނޫންކަން. މިގޮތުގެ މަތިން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކުގެ ކޮންޓެކްޓް އަވަރސް ހަމަނުކޮށް، ދަރިވަރުން ކޮލެޖަށް ޓިއުޓޯރިއަލް ހުށަހެޅުމުން ލެކްޗަރަރ އިން ޓިއުޓޯރިއަލްތައް ނުބަލާ ދަރިވަރުންނަށް ހާޒިރީ ދީފައިވާކަން ފާހަގަކުރެވެއެވެ. އަދި ކޮންޓެކްޓް އަވަރސް ހަމަނުކޮށް ދަރިވަރުންގެ ނަތީޖާ ދީފައިވާކަން.
  2. ޕްރޮގްރާމްތަކުގެ ކޮންޓެކްޓް އަވަރސް ހަމަކޮށްފައިވޭތޯ ބެލުމަށްޓަކައި ކޮލެޖްގެ ޕާރޓްޓައިމް ލެކްޗަރަރއިންގެ ހާޒިރީ ޝީޓްތަކާއި މުސާރަ ޝީޓްތައް ބެލުމަށް 5 ޖޫން 2024 ގައި އެދުމުން މިއަދާ ހަމައަށް މުސާރަ ޝީޓްތައް ދައްކާފައި

ނުވާކަން، އަދި މުސާރަ ޝީޓްތައް ދެއްކުމަށް އުޒުރުވެރިވެފައިވާކަން. އަދި އެމް.ކިއު.އޭ އިން ގޮސް ބެލުމަށް އެދުމުން ވެސް އެކަމަށް އިޖާބަދީފައި ނުވާކަން.

 

  1.  ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ޕްރޮގްރާމް ސްޓްރަކްޗަރ ރިވައިސްކޮށް ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާއިރު، ކުރިން އެޕްރޫވް ކޮށްފައިވާ ޕްރޮގްރާމް ސްޓްރަކްޗަރ އަށް ދަރިވަރުން އެންރޯލްކުރަމުން ކިޔަވައިދެމުން އަންނަކަން. އަދި ޕްރޮގްރާމް ސަމަރީ ތާވަލާ އެއްގޮތަށް މޮޑިއުލްތައް ކުރިއަށް ގެންގޮސްފައި ނުވާކަން.
  2. ބިފޯރ ކޮމެންސިންގ ފޯރމް ފޮނުވަންޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވަމުން ނުދާކަން.
  3. ދަރިވަރުން އެންރޯލްކޮށްފައިވާ ތާރީހާއި އިންޓޭކް ތާރީހާ ދިމާނުވާކަން އަދި ދަރިވަރުންގެ ހާޒިރީ ބަލަހައްޓާނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތްކަން އަދި ދަރިވަރުންގެ ނަތީޖާ ޝީޓްތައް ވެސް ބަލަހައްޓާނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތްކަން.
  4. މަތީގައި ދެންނެވިފައިވާ ފަދައިން ލެކްޗަރަރއިންނަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ،  ދަރިވަރުންގެ އިމްތިޚާން ކަރުދާސްތައް ބައެއް ލެކްޗަރަރއިން މާރކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، ދަރިވަރުންގެ ނަތީޖާ ނުދެވި ދިގުލައިގެން ގޮސްފައިވާތީ ދަރިވަރުންގެ ޝަކުވާ އިތުރުވުމާ ގުޅިގެން ޖަވާބު ކަރުދާސްތައް މާރކް ކޮށްފައިވަނީ އިންޓަރނަލް ކޮމިޓީއެއް އުފައްދައިގެންކަން މި އޮޑިޓަށް ކޮލެޖުން މަޢުލޫމާތު ދީފައިވާތީ އިމްތިޙާން ކަރުދާސްތައް މާރކް ކޮށްފައި ވަނީ ކިޔަވައިދެއްވާފައިވާ ލެކްޗަރަރއިން ކަން ނުވަތަ ނޫންކަން އެނގެން ނެތުމުން، ދަރިވަރުންނަށް ދީފައިވާ ނަތީޖާއާ މެދު ސުވާލު އުފެދޭކަން.
  5. އީ-ލަރނިންގ ގައިޑްލައިންގައި ވާ ގޮތުގެ މަތިން 'ލަރނިންގ މެނޭޖްމެންޓް ސިސްޓަމެއް' މިހާރު ނެތްކަން ފާހަގަކުރެވިފައިވާކަން. ވުމާއެކު، ޕްރޮގްރާމްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން އެކްރެޑިޓޭޝަން ދީފައިވާގޮތަށް ޕްރޮގްރާމްތަކަށް ކިޔަވައިދީ އެ ޕްރޮގްރާމްތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން އިމްތިޙާން ދެވޭނެ އެކަށީގެންވާ ވަސީލަތެއް ނެތްކަން.

 

މަތީގައި ފާހަގަކޮށްފައިވާ ކަންކަން މި އޮތޮރިޓީން ވަނީ އެވިޑް ކޮލެޖް ގެ ސީނިއަރ މެނޭޖްމަންޓް އާ އެކު 5 މެއި 2024 ގައި ބޭއްވުނު ބައްދަލުވުމުގައި މި އޮތޯރިޓީން ކަށަވަރުކޮށްފައެވެ. ޕްރޮގްރާމް އޮޑިޓް ޤަވާއިދުގެ ދަށުން "ރެންޑަމް ބެޗް އޮޑިޓް" ކުރިއަށް ގެންދެވުނު އިރު މަތީގައި ފާހަގަކުރެވިފައިވާ މައިގަނޑު 7 ކަމަކީ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ޚިލާފް ކަންތައްތަކެއްކަމަށް ވުމާއި އަދި 2017 އިން ފެށިގެން އެކި އަހަރު މަތިން ކޮލެޖަށް އެކި ކަންކަން ރަނގަޅުކުރުމަށް މި އޮތޯރިޓީން ލިޔުމުން އަންގާފައިވުމާއެކު މިކަންކަން މިހެން ހުރުމުން މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގައި 24 ޖުލައި 2024 ގައި މަޝްވަރާކުރެވި އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު، ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިންގެ 7 ވަނަ މާއްދާ ގެ (h) އަށް ޙަވާލާދީ ޕްރޮގްރާމް އެކްރެޑިޓޭޝަން ޤަވާއިދުގެ 30 ވަނަ މާއްދާ (ހ) ގެ ދަށުން އެވިޑް ކޮލެޖަށް ތިރީގައިވާ ފިޔަވަޅުތައް އަޅާފީމެވެ.

 

(1)   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ ޚިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ޚިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުން؛

(2)   އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫނުކުރުން؛

 

(3)   އެ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫންކަމާއި، ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ޚިލާފަށްކަން އާންމުކޮށް އިޢުލާނުކުރުން؛

 

މި ފިޔަވަޅުތަކާ އެކު އީ-ލަރނިންގ މޮޑަލިޓީގައި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކުގެ ސްޓޭޓަސް 6 މަސް ދުވަހަށް (28 ޖުލައި 2024 އިން 28 ޖެނުއަރީ 2025) އަށް 'ކޮންޑިޝަނަލީ އެކްރެޑިޓް' އަށް ބަދަލު ކުރެވިފައިވާ ވާހަކަ ވެސް ދެންނެވީމެވެ. މިއާއެކު، އީ-ލަރނިންގ މޮޑަލިޓީގެ ދަށުން ހުއްދަދެވިފައިވާ އެއްވެސް ޕްރޮގްރާމެއް އިތުރަށް އިސްތިހާރުކޮށް ހިންގޭނީ  އަލުން 'ފުލީ އެކްރެޑިޓޭޝަން ސްޓޭޓަސް' އަށް އީ-ލަރނިންގ މޮޑަލިޓީގައި ހިންގުމަށް ހުއްދަ ދެވިގެން ކަމުގައި ދަންނަވަމެވެ.

 

މަތީގައިވާ ފިޔަވަޅުތައް އެޅިފައި ވީ ނަމަވެސް، މިހާރު އެވިޑް ކޮލެޖުން ކުރިއަށްދާ ބެޗްތައް ކުރިއަށް ގެންދެވޭނެކަމާއި މިފިޔަވަޅުތަކުގެ ސަބަބުން ކިޔަވަމުންދާ ދަރިވަރުންނަށް އެއްވެސް އަސަރެއް ނުކުރާނެވާހަކަ ދަންނަމަވެ.

 

ވީމާ މިކަމަކީ، ދަރިވަރުންނާއި އާއްމުންނަށް އެނގުން މުހިއްމު ކަމަކަށް ވާތީ މިކަން އާއްމުކޮށް އިޢުލާން ކުރީމެވެ.

28 ޖުލައި 2024