ޢާންމު މަޢުލޫމާތު
ނަންބަރު: 492-AT2/182/2024/6
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 15:51
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ދަނޑުވެރިންގެ ދުވަސް 2024

އިއުލާނު

 

ނަންބަރު: 492-AT2/182/2024/6

 

ދަނޑުވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވީނަމަވެސް، އެކި ސަބަބުތަކާއި ހުރެ އެތާރީޚްގައި ދަނޑުވެރިންގެ ދުވަހުގެ ޙަރަކާތްތައް ރަސްމީކޮށް ފާހަގަކުރުމަށް ހުރަސް އެޅެމުން ދިއުމާއެކު، 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 11 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދަނޑުވެރިންނާއި ދަނޑުވެރިން އުފައްދާ ތަކެއްޗާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހާއި ގުޅޭގޮތަށް ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން އަރުއްވާފައިވާ ލަފާފުޅާއި އެއްގޮތަށް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް 11 ފެބުރުވަރީ 2020ގައި ރައީސުލްޖުމްޙޫރިއްޔާވަނީ ކަނޑައަޅުއްވާދެއްވާފައެވެ.

2020 ގައި ގެނެސްފައިވާ ބަދަލު އެއަހަރު އާންމުކޮށް އިއުލާނުކޮށް އޭގެ ފަހުން ކޮންމެ އަހަރަކުވެސް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުން ދިޔަ ކަމުގައިވީނަމަވެސް 2024 ވަނަ އަހަރުގެ ކަލަންޑަރުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފެންެނަން އޮތީ 2009 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމަޔަށް ދިވެހިރާއްޖޭގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔަ ތާރީޚް ކަމަށްވާ 10 އޮގަސްޓު ކަމަށްވުމުން ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ތާރީޚަށް ގެނެވިފައިވާ ބަދަލުގެ މައުލޫމާތު އާންމުކޮށް ޙިއްޞާކުރަމެވެ.

07 އޮގަސްޓް 2024