ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267-ESMS/267/2024/61
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:44
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ރަޖިސްޓަރީކޮށް ގޯތިތައް ސާފުކޮށްބެލެހެއްޓުމާ ބެހޭ

      ހދ.ކުމުންދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާއި، ބައެއް ފަޅުގެތައް ސާފުކޮށް ބަލަހައްޓަމުން ނުގެންދާތީ ޞިއްޙީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރަމެވެ. އަދި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ ރައްޔިތުންތަކެއް ތިބި އިރު، ދިރިއުޅެން ނުފަށާ ނުބެލެހެއްޓި ގޯތިތަކެއް ރަށުތެރޭގައި ހުރުމަކީ، ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތަކަށްވެވޭ ބޭއިންސާފެކެވެ. އަދި އެފަރާތްތަކުގެ ޝަކުވާއެއްވެސްމެއެވެ.

      ޤާނޫނު ނަންބަރު 01/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު) ގައިވާގޮތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯތި ޙަވާލުކުރެވޭ ދުވަހުންފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށް ދިރިއުޅެން ފަށަންވާނެއެވެ. އެހެންނަމަވެސް މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ހައްދާފައިނުވާ ގޯތިތައްވެސް ހުރިކަން ފާހަގަކުރެވެއެވެ. ގޯތީގެ ރަޖިސްޓަރީ ހައްދާފައި ނުވާ ގޯތިތަކުގެ ވެރިފަރާތުން 31 އޮކްޓޯބަރ 2024 ގެ ނިޔަލަށް ގޯތި ރަޖިސްޓަރީ ހެއްދުމަށްފަހު އިންވަކިރުވުމަށް ދަންނަވަމެވެ.

      ގަވާއިދު ނަންބަރު 2019/R-184 މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދިރިއުޅުމުގެ ބޭނުންތަކަށާއި އެނޫން ބޭނުންތަކަށް ދީފައިވާ ބިންބިމުގައި ހުންނަންވާނީ ކަނޑައެޅިފައިވާ އުޞޫލްތަކާއެއްގޮތަށް އިންފާރު ރާނައިފައެވެ. ވުމާއެކު ގޯތިލިބި މިހާތަނަށް މަގުފާރާއި އިންފާރު ރާނާފައި ނުވާ ގޯތިތަކުގެ މަގުފާރާއި އިންފާރު  31 މާރިޗް 2025 ގެ ނިޔަލަށް ރާނައި ނިންމެވުމަށް ދަންނަވަމެވެ.

      ގަވާއިދު ނަންބަރު  2019/R-184މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކުގެ މެދާހަމައިން އެ ގޯއްޗަކާވީފަޅި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެއެވެ. ނަމަވެސް ބައެއް ފަޅު ގޯތިތަކާއި، މީހުން ދިރިއުޅެން ނުފަށާ ގޯތިތަކާއި، މީހުން ދިރިއުޅެމުންދާ ބައެއް ގޯތިތަކާއި އިންވެގެން އޮންނަ މަގުތައް ބެލެހެއްޓެމުން ނުދާކަން

 

 ފާހަނގަކުރެވެއެވެ. ވީމާ، ގަވާއިދުގައިވާ ގޮތުގެ މަތިން މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓެވުމަށް ގޯތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި ސާފުކޮށް ނުބަލަހައްޓާ ގޯތިތަކުގެ ވެރިފަރާތުން 31 އޮކްޓޯބަރ 2024 ގެ ނިޔަލަށް ގޯޗާއި ގޯތީގެ މަގުފަޅި ސާފުކުރުމަށް އަންގަމަވެ.

      ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާއި ފަޅު ގޯތިތައް ސާރވޭކުރުމުގެ މަސައްކަތް މިހާރު މިކައުންސިލުން ކުރަމުން އެބަގެންދަމެވެ. ވީމާ، މިކަމުގައި ގޯތީގެ ވެރިފަރާތްތަކުން އެއްބާރުލުން ދެއްވުން އެދެމެވެ.          

      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ސެޕްޓެންބަރު 2024