ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347-ES/347/2024/32
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:27
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމާއި ގުޅޭ

ޢިމާރާތް ކުރުމާއިބެހޭ ޤަވާޢިދުތަކާއި ޚިލާފަށް ބައެއް ފަރާތްތަކުން ޢިމާރާތް ކުރުމާއި، ކޮށްފައިވާ ޢީމާރާތްތަކަށް، މި އިދާރާއާއި ކަމާގުޅޭ އިދާރާތަކުގެ ހުއްދައެއްނެތި ބަދަލުގެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ހުއްދަނެތި މަގުފާރާއި އިންފާރު ތަކަށް ބަދަލުގެނައުމާއި، ގޯއްޗަށް ވަނުމަށް ކަޑާފައިވާ ދޮރާށި (މެއިން އެންޓަރެސް) ހުއްދަނެތި ބަދަލުކުރުމާއި އަލަށް ދޮރާށި ކެޑުންފަދަ ކަންކަންވެސް ހުއްދައެއްނެތި ކުރުމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެގިލައްވާނެފަދައިން، ހުއްދަނެތި، މަގުފާރާއި އިންފާރުމަތިން ޢިމާރާތް ކުރުމާއި، މަގުފާރާއި އިންފާރު ތެޅުމާއި، ބަދަލުގެނައުމަކީ ކަމާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާކަމެކެވެ. އަދި ހަމައެހެންމެ ހުއްދަ ހޯދުމަކާއި ނުލައި، ގެދޮރު ޢިމާރާތްކުރުމާއި، ކޮށްފައިވާ ޢީމާރާތްތަކަށް ބަދަލުގެނައުމަކީވެސް މަނާކަމެކެވެ.

އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ބިންބިމާއި ގޯތިތަކުގައި ޢިމާރާތް ކުރުމާއިބެހޭގޮތުން 2017 ވަނަ އަހަރުވަނީ ޢިމާރާތް ކުރުމާއިބެހޭ ޤާނޫނެއްފާސްކޮށް ގެޒެޓް ކޮށްފައެވެ. މި ޤާނޫނަކީ ޤާނޫނު ނަންބަރު: 2017/4 "ޢިމާރާތްކުމުގެ ޤާނޫނު" އެވެ. އަދި މި ޤާނޫނުން ބާރުލިބިގެން، ޢިމާރާތް ކުރުމާއިބެހޭގޮތުންވަނީ ޤަވައިދުތަކެއްހަދާ ގެޒެޓްކޮށްފައެވެ. މީގެ ތެރެއިން، ގަވައިދު ނަންބަރު: 2019/R-1002 "ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށުގައި ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދާއި، ގަވާއިދު ނަންބަރު: 2019/R-1004 "ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" އަކީ ޢިމާރާތް ކުރުމުގައި ޢަމަލުކުރަންވީ ކަންކަން ބަޔާންކޮށްފައިވާ ގަވައިދުތަކުގެ ތެރެއިން ވަރަށްމުހިމު އަދި ޢިމާރާތް ކުރާ ފަރާތްތަކަށާއި ޢިމާރާތް ކުރުވާ ފަރާތްތަކަށް ކޮންމެހެން އެނގެންޖެހޭ ގިނަކަންތައްތަކެއް ބަޔާންކޮށްފައިވާ ގަވާއިދުތަކެކެވެ.

މަތީގައި ބަޔާންކޮށްފައިވާ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާ ގެޒެޓް ކޮށްފައިވާ ގަވާއިދުތަކާ ޚިލާފަށް، ގެދޮރު ޢިމާރާތް ކުރަމުންދާ ކަމުގެ މަޢުލޫމާތާއި، ޢިމާރާތްކޮށް ދިރިއުޅެމުންދާ ގޭގެވެސް، މި ދެންނެވި ޤާނޫނާއި ގަވާއިދުތަކާއި ޚިލާފަށް އެކިއެކި ބަދަލުތައް ގެންނަމުން ދާކަމުގެ މަޢުލޫމާތު މި އިދާރާއަށް ވަނީ ލިބިފައެވެ. މިގޮތުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ޢިމާރާތް ކުރުމާއި، ކޮށްފައިވާ ޢިމާރާތްތަކުގައި ޑެގުއަޅައިގެން އިތުރު ފަންގިފިލާ ހަދާ ބޭނުންކުރުންފަދަ ކަންކަން ކުރުން ހިމެނެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައިވާ ގޮތުން، ޢިމާރާތުގެ ފުޓްޕްރިންޓް (ޢިމާރާތުގެ ދަޅުމުގެ ސައިޒް) 1200 އަކަފޫޓަށްވުރެ ބޮޑުވާނަމަ އެއްބުރި ޢިމާރާތެއްވިޔަސް، ޢިމާރާތްކުރަންވާނީ ޢިމާރާތްކުރުމުގެ ހުއްދަ ހޯދައިގެންނެވެ. އަދި އެއްބުރިއަށް ކޮށްފައިވާ ޢިމާރާތެއްގެ ޑެގެއް އެޅިކަމުގައިވިޔަސް، އަދި އެ ޑެގަކީ ނިސްބަތުން ކުޑަތަނަކަށްވިޔަސް އެއީ އެއްބުރި ޢިމާރާތެއްގެ ގޮތުގައި ނުބެލެވެއެވެ.

ހުއްދަ ހޯދައިގެން ކުރަންޖެހޭ ޢިމާރާތްތަކުގެ ތެރެއިން، ހުއްދަ ނުހޯދާ ކުރާ ޢިމާތާތްތަކާއި، ހުއްދަ ހޯދައިގެން ކޮށް ނިމިފައިވާ ޢިމާރާތްތަކުގެ ފާސްކޮށްފައިވާ ކުރެހުންތަކުގައިވާ ގޮތާއި ޙިލާފަށް ޢިމާރާތަށް ބަދަލުގެންނަމަ އެފަދަ ފަރާތްތަކާއިމެދު، އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، މަތީގައި ދެނެވި ގަވާއިދުތަކުގައި، ބޮޑެތި ޢަދަދުތަކުން ޖުރިމާނާވާނެކަންވެސް ހިމަނާފައިވެއެވެ.

ޢިމާރާތް ކުރުމާއިބެހޭ ގަވާއިދުގައިވާގޮތުން، ކޮށްފައިވާ ޢިމާރާތެއް ބޭނުންކުރަންވާނީ، ހުއްދަ ދޫކުރާ އިދާރާއަކުން، އެ ޢިމާރާތެއް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

ވީމާ، މަތީގައިވާ ކަންކަން އެހެންހުރުމާއިއެކު، ގަވާއިދުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ކުރާ ޢިމާރާތްތަކަށާއި، އެކިއެކި ބަދަލުތައް ގެނައިސްފައިވާ ޢީމާރާތްތަކާއި މެދު އެ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަޅުތައް، ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އަޅަމުންދާނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މި އިދާރާއިން ދޫކުރަންޖެހޭ ހުއްދަތައް ކުރިޔަށް އޮތްތަނުގައި، އެފަދައިން ހުންނަ ޢިމާރާތްތަކަށް ދޫނުކުރާނެ ވާހަކަވެސް ދަންނަވަމެވެ. 

19 ސެޕްޓެންބަރު 2024