ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ތެރެއިން މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ ގޮނޑިވަނީ ހުސްވެފައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/15) ގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން މިހާރު މީޑިއާ ކައުންސިލުގައި ތަމްސީލުކުރާ މީޑިއާތައް ފިޔަވައި އެހެން މީޑިއާތަކުގެ ފަރާތުން މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.
(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(އ) މުޖްތަމަޢު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚުލާޤު ރަނގަޅު މީހެއްކަމުގައިވުން.
(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި، އެ މީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
ވީމާ، މީޑިއާކައުންސިލްގެ ހުސްވެފައިވާ މީޑިއާގެ މަޤާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މިޑިއާތާކުން 2017 ޖަނަވަރީ 9 ވާ ހޯމަދުވަހު 13:30 ގެ ކުރިން ފޮޓޯއާއި ވަނަވަރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި، ކުށުގެ ރެކޯޑްގެ ކޮޕީއަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
28 ރަބީޢުލްއައްވަލް 1438