ދިވެހިރާއްޖެ
އިޢުލާން
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތުހުޅުވާލުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެެ 183 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަޤާމް ހުސްވެފައިވާތީ، ޤާނޫނު ނަންބަރު 2010/9 (ޤާނޫނު ނަންބަރު 2007/5 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 02 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 02:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.
ޤާނޫނު ނަންބަރު 2010/9 (ޤާނޫނު ނަންބަރު 2007/5 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ، ސިވިލް ސަރވިސް ކޮމިޝަންއަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާއްމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމުގައެވެ. އަދި މި މާއްދާގެ (ނ) ގައި، މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެކަމުގައެވެ.
ކޮމިޝަނުުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް :
ޤާނޫނު ނަންބަރު 2010/9 (ޤާނޫނު ނަންބަރު 2007/5 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެމަތީން، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރަންވާނީ، ކޮމިޝަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ތަޢުލީމީ ޤާބިލުކަން ހުރި މީހުންގެ ތެރެއިން، އެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ސިފަތައް ފުރިހަމަވާ މީހުންނެވެ.
1- ދިވެހި ރައްޔިތަކު ކަމުގައިވުން.
2- މުސްލިމަކު ކަމުގައިވުން.
3- ބުއްދި ސަލާމަތުން ހުރުން.
4- ޢުމުރުން 30 އަހަރުވެފައިވުން.
5- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
6- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
7- އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
8- ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކުރުމަށްފަހު، ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ޚިދުމަތްކޮށްފައިވުން.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި، އިޤުރާރު ދޫކުރުމާއި، ފޯމާއި އިޤުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިންނެވެ. އަދި މި ފޯމާއި އިޤުރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ، www.majlis.gov.mv އެވެ.
24 ރަބީއުލްއާޚިރު 1438
22 ޖަނަވަރީ 2017