ދިވެހިރާއްޖެ
1. ތަޢާރަފާއި ނަންއަދި މަގުޞަދު :
( ހ ) މިއީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގެ މަގުތަކުގައި ތަކެތި ބެހެއްޓުމާ ބެހޭގޮތުން ހެދިފައިވާ އުސޫލެވެ.
( ށ ) މި އުސޫލަށް ކިޔަނީ " ކުޅުދުއްފުށީގެ މަގުތަކުގައާއި ހުސްބިންތަކުގައި ތަކެތި ބެހެއްޓުމަށް ހުއްދަދިނުމުގެ އުސޫލު " އެވެ. މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މިއުޞޫލް އިޢުލާން ކުރާ ދުވަހުނެ ފެށިގެންނެވެ.
( ނ ) މި އުޞޫލްގެ މަގުޞަދަކީ ގޯތިގެދޮރުގެ ދަތިކަމާހުރެ މަގުމަތީގައާއި ހުސްބިންތަކުގައި ތަކެތި ބަހައްޓައިގެން އުމުރާނީ މަސައްކަތްތަކާއި ޒަރޫރީ ބައެއް އެހެނިހެން މަސައްކަތްތައް ކުރަންޖެހޭ ފަރާތްތަކަށް އެފަދަ ހާލަތްތަކުގައި މަގުމަތީގަ އާއި ހުސްބިންތަކުގައި ވަކިނިޒާމެއްގެ ތެރެއިން ތަކެތި ބަހައްޓައިގެން މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމެވެ.
( ނ ) މި އުޞޫލަށް އަމަލުކުރަން ފަށާނީ މި އުޞޫލް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
2. މަގުމަތީގައި ތަކެތި ބެހެއްޓުން
މި އުޞޫލްގައި ވާ ގޮތުގެމަތިން މެނުވީ އުމުރާނީ މަސައްކަތްތަކަށާއި، ޟަރޫރީ ބޭނުންތަކަށާއި ކަންކަމަށް މަގުމަތީގައި ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.
3. މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދަދިނުން
( ހ ) މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދައަށް އެދޭނީ މި އުޞޫލްގެ ދަށުން އެކަމަށް އެދޭ ފޯމް ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ހުށަހަޅައިގެންނެވެ.
( ށ ) މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދައަށް އެދުމުން މި އިދާރާއިން އެމަގެއް ތަނެއް ބެލުމަށްފަހު މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭ ގޮތުގެމަތިން ހުއްދަ ދޫކުރެވޭނެއެވެ.
( ނ ) މަގުމަތީގައި ބަހައްޓާ ތަކެތި ބަހައްޓަންވާނީ މި އިދާރާއިން ކަނޑައަޅާ ދައްކާ އިމުގެ ތެރޭގައެވެ.
4. މަގުމަތީގައި ބެހެއްޓޭނެ ތަކެތި
( ހ ) އިމާރާތްކުރުމަށް މަގުމަތީގައި ތަކެތި ބެހެއްޓޭނީ އެއިމަރާތެއް ކުރުމަށް ގެންނަތަކެތި މަގުމަތީގައި ބަހައްޓައިގެންނޫނީ ނުވާން އޮންނަ ހާލަތުގައާއި އެފަރާތަކަށް ތަކެތި ބަހައްޓާނެ އެހެންތަނެއް ނުލިބޭ ހާލަތުގައެވެ.
( ށ) މަގުމަތީގައި ތަކެތި ބެހެއްޓޭނީ އެބަހައްޓާ އެއްޗެއްގެ ބާވަތުން އެއީ އެވަގުތަކަށް މަގުމަތީގައި ކޮންމެހެން ބަހައްޓައިގެން ނޫނީ ނުވާން އޮންނަ ތަކެއްޗެވެ. މިފަދަ ތަކެތިވެސް ބެހެއްޓޭނީ އެއިމާރާތެއް ކުރަމުންގެންދާއިރު އެކަންޏެވެ.
( ނ ) އިމާރާތް ކުރުމަށް ޝީޓުއެޅުމަށް އެސަރަހައްދަކަށް ޖަމާކުރަންޖެހޭ ހިލަ، ހިލަވެލި، ދަގަނޑު ފަދަތަކެތި
( ރ ) އިމާރާތް ހިޔާކުރަމުން ގެންދާވަގުތު މަތިވަޑާގަނޑު ހެދުމަށް ބޭނުންވާ ޓުރަސް، ލަކުޑި ފައިދޮށް ފަދަތަކެތި ހިޔާކުރުމުގެ މަސައްކަތް ހިނގާ ވަގުތު
( ބ ) އިމާރާތް ތަޅާލުމުން އުކާލަންޖެހޭ ގައުކުނޑިއާއި އެނޫންވެސް އެފަދަ ތަކެތި
( ޅ ) ވިޔަފާރި ބޭނުންތަކަށް ފިހާރަތަކުގެ ކައިރިއަށާއި، ގުދަންތަކުގެ ކައިރިއަށް ބޭލޭ މުދާ.
5. މަގުމަތީގައި ނުބެހެއްޓޭނެ ތަކެތި
މަގުމަގާއި ގޯޅިގޯޅީގެ އެއްވެސް ސަރަހައްދެއްގައި ގަސްމުށި، ގޮނޑި، ޖޯލިފަތި މޭޒު، ރުއްލަކުޑި، ދަރުފަދަ އެކިބާވަތްތަކުގެ ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.
6. މަގުމަތީގައި ތަކެތި ބެހެއްޓޭނެ މުއްދަތު
( ހ ) އިމާރާތް ކުރުމަށް ގެނެވޭ ހިލަ، ހިލަވެލި، ސިމެންތި، ވެލި ބެހެއްޓޭނީ ގިނަވެގެން 07 (ހަތެއް) ދުވަހުގެ މުއަދަތަށެވެ.
( ށ ) އިމާރާތް ތަޅާލުމުން ނެގޭ ގައުކުނޑި ފަދަތަކެތި ބެހެއްޓޭނި ގިނަވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތަށެވެ.
( ނ ) އިމާރާތުގެ މަތިވަޑާގަނޑު ހެދުމަށް ބޭނުންވާ ޓުރަސް، ލަކުޑި ފައިދޮށް ފަދަތަކެތި ބެހެއްޓޭނީ ގިނަވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތަށެވެ.
( ރ ) ވިޔަފާރި ބޭނުންތަކަށް ފިހާރަތަކުގެ ކައިރިއަށާއި، ގުދަންތަކުގެ ކައިރިއަށް ބޭލޭ މުދާ ބެހެއްޓުމަށް ދެވޭނީ ގިނަވެގެން 2 (ދެއެއް) ދުވަހުގެ މުއަދަތެވެ.
7. އިމާރާތްކުރުމަށް މަގުމަތީގައި ތަކެތިބެހެއްޓުމަށް ފީނެގުން
މި އުޞޫލުގެ 4 ވަނަ ނަންބަރުގެ ހ އަދި ށ ގައި ބަޔާންވެފައިވާ ބޭނުމަށް މަގުމަތީގައި ބެހެއްޓޭ ތަކެއްޗަށް ތިރީގައިވާ ގޮތުގެމަތިން ދެވިފައިވާ މުއްދަތަށްވުރެ އިތުރަށް ހިނގާ މުއްދަތަށް ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ފީނެގޭނެއެވެ.
( ހ ) އިމާރާތް ކުރުމަށް ގެނެވޭ ހިލަ، ހިލަވެލި، ސިމެންތި، ވެލި ބެހެއްޓޭނީ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއަދަތަށެވެ. މި މުއްދަތަށްވުރެ އިތުރަށް މިފަދަ ތަކެތި ބަހައްޓާފައި ހުންނަ ކޮންމެ ދުވަހަކަށް -/100ރ ގެ ފީއެއް ދައްކަންވާނެއެވެ.
( ށ ) އިމާރާތް ތަޅާލުމުން ނެގޭ ގައުކުނޑި ފަދަތަކެތި ބެހެއްޓޭނި ގިނަވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތަށެވެ. މި މުއްދަތަށްވުރެ އިތުރަށް މިފަދަ ތަކެތި ބަހައްޓާފައި ހުންނަ ކޮންމެ ދުވަހަކަށް -/200ރ ގެ ފީއެއް ދައްކަންވާނެއެވެ.
( ނ ) އިމާރާތުގެ މަތިވަޑާގަނޑު ހެދުމަށް ބޭނުންވާ ޓުރަސް، ލަކުޑި ފައިދޮށް ފަދަތަކެތި ބެހެއްޓޭނީ ގިނަވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތަށެވެ. މި މުއްދަތަށްވުރެ އިތުރަށް މިފަދަ ތަކެތި ބަހައްޓާފައި ހުންނަ ކޮންމެ ދުވަހަކަށް -/300ރ ގެ ފީއެއް ދައްކަންވާނެއެވެ.
( ރ ) ވިޔަފާރި ބޭނުންތަކަށް ފިހާރަތަކުގެ ކައިރިއަށާއި، ގުދަންތަކުގެ ކައިރިއަށް ބޭލޭ މުދާ ބެހެއްޓުމަށް ދެވޭނީ ގިނަވެގެން 2 (ދެއެއް) ދުވަހުގެ މުއަދަތެވެ. މި މުއްދަތަށްވުރެ އިތުރަށް މިފަދަ ތަކެތި ބަހައްޓާފައި ހުންނަ ކޮންމެ ދުވަހަކަށް -/500ރ ގެ ފީއެއް ދައްކަންވާނެއެވެ.
8. ތަކެތި ބަހައްޓަންޖެހޭ އުޞޫލް
( ހ ) މަގުމަތީގައި ހިލަ ،ހިލަވެލި ސިމެންތި ފަދަތަކެތި ރަނގަޅު ފެންވަރަށް ހެދިފައިވާ މަގުތަކުގެ ކާނުމަތީގައި ބަހައްޓަންވާނީ ސަތަރި އަޅައި އޭގެމަތީގައެވެ.
( ށ ) މަގުމަތީގައި ތަކެތި ބަހައްޓާއިރު ރަނގަޅު ފެންވަރަށް ހެދިފައިވާ މަގުތަކުގެ ދުވާރުމަތީގައި ތަކެތި ބަހައްޓައިގެން ނުވާނެއެވެ.
( ނ ) މަގުމަތީގައި ތަކެތި ބަހައްޓަންވާނީ ގޭގެއާއި ފިހާރަތަކަށާއި، އޮފީސްތައް އަދި ގުދަން ގަރާޖު ފަދަ ތަންތަނުގެ ދޮރުން ވަދެނިކުތުމަށް ދަތިނުވާ ގޮތަށް އެކަށީގެންވާ ޖާގަ ހުސްކުރުމަށް ފަހުގައެވެ.
( ރ ) މި އުޞޫލުގެ ދަށުން ބަހައްޓާ ތަކެތި ބެހެއްޓުމުގެ ތެރޭގައާއި ނެގުމުގެ ތެރޭގައި މަގުގެ ދުވާރަށާއި ކާނުތަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ރަނގަޅު ކުރުމަށް ޚަރަދުވާނެ ފައިސާ މަގުތައް ބެލެއްޓުމާ ހަވާލުވެފައިވާ ފަރާތަށް މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ނެގިފަރާތުން ދައްކަންވާނެއެވެ.
( ބ ) މަގުމަތީގައި ތަކެތި ބެހެއްޓުމަށް ދެވުނު މުއްދަތު ހަމަވުމުން ތަކެތި ބެހެއްޓި ފަރާތުން، ތަކެތި ބެހެއްޓި ތަނާއި ސަރަހައްދު ރަނގަޅަށް ސާފުކުރަންވާނެއެވެ.
( ޅ ) ފިޔާ އަލުވި ބިސްފަދަ ކުނިވާޒާތުގެ މިނޫންވެސް އެއްޗެއް މަގުމަތީގައި ބަހައްޓާނަމަ، ބަހައްޓަންވާނީ ސަތަރި ނުވަތަ ތަރަފާލްފަދަ އެއްޗެއް އެޅުމަށްފަހު އޭގެ މަތީގައެވެ. އެފަދަ އެއްޗެއް ބެހެއްޓީ ރަނގަޅު ފެންވަރަށް ހެދިފައިވާ މަގެއްގެ މަތީގައި ނަމަ އެއެއްޗެއް ބެހެއްޓިފަރާތުން، މަގުމަތީގައި ވަސް ނުހިފާނެފަދަ ގޮތަކަށް މަގުމަތި ދޮވެ ސާފުކުރަންވާނެއެވެ. އަދި އެފަދަ އެއްޗެއްގެ ދިޔަ މަގުމައްޗަށް ފައިބައިފިނަމަ އެ، އެއްޗެއް ބެހެއްޓި ފަރާތުން މަގުމަތިން، އޭގެ ކުލަޔާއި ވަސް، ނުހުންނަ މިންވަރަށް ދޮވެ ސާފުކުރަންވާނެއެވެ.
( ކ ) ފިޔާ އަލުވި ބިސް ފަދަ ކުނިވާ ޒާތުގެ މިނޫންވެސް އެއްޗެއް ބެހެއްޓީ ރަނގަޅު ފެންވަރަށް ހެދިފައިނުވާ މަގެއްގެ މަތީގައި ނަމަވެސް މަގުމަތީގެ ވެލިގަނޑުގައި ވަސްނުހިފާނެގޮތަކަށް ވެލިގަނޑަށް ފެންޖަހާ ދޮވެ އޭގެ ކުލަޔާއި ވަސް ރަނގަޅަށް ފިލުވާލަންވާނެއެވެ. އަދި އެފަދަ އެއްޗެއްގެ ދިޔަ މަގުމައްޗަށް އެޅިއްޖެނަމަވެސް އެގޮތަށް ދޮވެ ކުލަޔާއި ވަސްނުހުންނާނެހެން ވެލިގަނޑަށް ފެންޖަހާ ދޮންނަންވާނެއެވެ. ވެލިގަނޑުން ކުލަޔާއި ވަސްނުފިލައިފިނަމަ އެވެލިގަނޑު ނަގައި އުކާލުމަށްފަހު އެތަނަކަށް ސާފުދޮންވެލި އަޅާ މަގު އެއްވަރުކުރަންވާނެއެވެ.
9. ގަވާޢިދާ ޚިލާފްވުން
( ހ ) މި އުޞޫލާ ޚިލާފަށް މަގުމަތީގައި ތަކެތި ބަހައްޓައިފިނަމަ އެއެއްޗެއް ނެގުމަށް 2 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ ތިރީގައިވާ ގޮތުގެމަތިން އެފަރާތެއް ޖުރުމަނާ ކުރެވޭނެއެވެ.
( ށ ) މިގަވާޢިދުގެ ދަށުން މިއިދާރާއިން ހުއްދައެއް ނަގަންޖެހޭ ބާވަތުގެ މަސައްކަތަކަށް ނުވަތަ އެފަދަ މުއްދަތަކަށް
މިއިދާރާގެ ހުއްދައެއް ހޯދުމަކާނުލައި މަގުމަތީގައި ތަކެތި ބަހައްޓައިފިނަމަ މި މާއްދާގެ ހ ގައިވާ މުއްދަތު ދިނުމަށްފަހު އެއްޗެއް ނުނަގައިފިނަމަ ފުރަތަމަ ފަހަރު އެފަރާތެއް -/1000ރ ދެވަނަ ފަހަރު -/1500ރ އަދި 3 ވަނަ ފަހަރު -/2000ރ ޖުރުމަނާ ކުރެވޭނެއެވެ. އަދި 3 ވަނަ ފަހަރަށްވުރެ އިތުރަށް ކުށްތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000ރ އިން ޖުރުމަނާ ކުރެވޭނެއެވެ. މި އުޞޫލްގެ '' ހ '' ގައިވާ މުއްދަތު އެފަރާތަކަށް ދެވޭނީ ހުއްދަ ނުނަގާ ފުރަތަމަ ބަހައްޓާ ފަހަރު އެކަންޏެވެ.
( ނ ) މި އުޞޫލުގެ 7 ވަނަ މާއްދާގައިވާ ފީތަކާއި މި މާއްދެ ށ ގައިވާ ޖުރުމަނާ ދައްކަން އެންގުމަށްފަހު ނުދައްކާ ފަރާތްތަކުގެ މައްސަލާތައް ޝަރީއަތަށް ހުށަހަޅައިގެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަދި އެފަދަ ފަރާތަކަށް މި އުސޫލުގައިވާ އެއްވެސް ޚިދުމަތެއް ދެވޭނީ އެ ޖުރުމަނާއެއް ނުވަތަ ފީ އެއް ދެއްކުމުންނެވެ.
10. އުޞޫލަށް އަމަލުކުރަންފަށާއިރު ހުންނަތަކެއްޗާމެދު އަމަލުކުރާނެގޮތް
( ހ ) މި އުޞުލަށް އަމަލުކުރަން ފަށާއިރު މަގުމަތީގައްޔާއި، ގޯޅިތަކުގައި އަދި ހުސްބިންތަކުގައި މި އުޞުލާއި ޚިލާފަށް ބަހައްޓާފައިވާ ތަކެތި، މި އުޞޫލަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ މި އުޞުލުގެ 9 ވަނަ މާއްދާގެ ( ށ ) ގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.
ދެވަނަ ބައި
11. އެކިއެކި ބޭނުމަށް ހުސްބިންތަކުގައި ތަކެތި ބެހެއްޓުމުގެ ހުއްދަ ދިނުން
( ހ ) މި އުޞޫލްގައި ވާ ގޮތުގެމަތިން މެނުވީ އުމުރާނީ މަސައްކަތްތަކަށާއި، ޟަރޫރީ ބޭނުންތަކަށާއި އެކިއެކި ކަންކަމަށް ރަށުގެ ހުސްބިންތަކުގައި ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.
12. ހުސްބިންތަކުގައި ތަކެތި ބެހެއްޓުމުގެ ހުއްދަދިނުން
( ހ ) ރަށުގެ ހުސްބިންތަކުގައި ތަކެތި ބެހެއްޓުމަށް ހުއްދައަށް އެދޭނީ މި އުޞޫލްގެ ދަށުން އެކަމަށް އެދޭ ފޯމް ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ހުށަހަޅައިގެންނެވެ.
( ށ ) ހުސްބިންތަކުގައި ތަކެތި ބެހެއްޓުމަށް ހުއްދައަށް އެދުމުން މި އިދާރާއިން އެސަރަހައްދެއް ނުވަތަ ތަނެއް ބެލުމަށްފަހު އެ ބަހައްޓާ އެއްޗަކީ އެފަދަ ތަނެއްގައި ބަހައްޓަން އެކަށީގެންވާ އެއްޗެއްތޯ ބެލުމަށްފަހު ހުއްދަ ދޫކުރެވޭނެއެވެ.
13. ހުސްބިންތަކުގައި ބެހެއްޓުން މަނާތަކެތި
( ހ ) ފިއުލްގެ ބާވަތްތައް އަދި ބޭނުންކުރުމަށްފަހު ނެގޭ ތެލުގެ ބާވަތްތައް
( ށ ) އެކިފާޑުގެ ކެމިކަލް، ތާރުފަދަ ތަކެތި
( ނ ) ނުބައިވަސްދުވާ ތަކެތި
( ރ ) ކުނިވާޒާތުގެ ތަކެތި
( ބ ) ކާބޯތަކެތީގެ ބާވަތްތައް
14. ތަކެތި ބެހެއްޓޭނެ މުއްދަތު
( ހ ) ހުސްބިންތަކުގައި ތަކެތި ބެހެއްޓޭނީ އެއްޗެއް ބެހެއްޓުމަށް ކައުންސިލް އިދާރާއާއި އެފަރާތަކާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
( ށ ) ހުސްބިންތަކުގައި ބެހެއްޓޭ ތަކެތި ބެހެއްޓޭނީ ގިނަވެގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
( ނ ) ހުއްދަދީފައިވާ މުއްދަތަށްވުރެ ގިނަ ދުވަހު ތަކެތި އެތަނެއްގައި ބަހައްޓަން ބޭނުންނަމަ މުއްދަތު ހަމަވުމުގެ 10 (ދިހައެއް) ދުވަސް ކުރިން ސަބަބު ބަޔާންކޮށް މުއްދަތު އިތުރުކުރުމަށް ހުށަހަޅަންވާނެއެވެ.
15. ހުސްބިންތަކުގައި ތަކެތި ބެހެއްޓުމަށް ކުލިނެގުން
ހުސްބިންތަކުގައި ވަގުތީގޮތުން ތަކެތި ބަހައްޓާނަމަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ޒޯނަކުން ނެގުމަށް ކަނޑައެޅިފައިވާ ކުލި ނެގޭނެއެވެ.
( ހ ) ހިއްކިބިމުގައި ތަކެތި ބަހައްޓާނަމަ އަކަފޫޓަކަށް މަހަކު -/5ރ (ފަސްރުފިޔާ) ނެގޭނެއެވެ.
( ށ ) ބަންޑާރަމަގު ހުޅަނގު ފަރާތް ވެލިގަނޑާއިދެމެދުގައި ތަކެތި ބަހައްޓާނަމަ އަކަފޫޓަކަށް މަހަކު -/5ރ (ފަސްރުފިޔާ)
(ނ ) އެހެނިހެން ސަރަހައްދުތައް އަކަފޫޓަކަށް މަހަކު -/1ރ (އެއްރުފިޔާ)
16. ތަކެތި ބެހެއްޓުމަށް އިމާރާތް ހެދުން
(ހ ) ހުސްބިންތަކުގައި ތަކެތި ބެހެއްޓުމަށް އެއްވެސްކަހަލަ އިމާރާތެއް ޓެންޓެއް ހެދުމުގެ ހުއްދައެއް ނުދެވޭނެއެވެ.
17. ތަންސާފުކުރުން
( ހ ) ތަކެތި ބެހެއްޓި ތަނާއި ސަރަހައްދުގެ ވަށައިގެންވާ މަގު އަބަދުވެސް ކުނިނަޅައި، ކުނިކަހާ ސާފުތާހިރުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.
( ށ ) ތަކެތި ބެހެއްޓުމުގެ ސަބަބުން ސަރަހައްދުގެ ވެއްޓަށާއި މާހައުލަށް އަދި ވަށައިގެން ދިރިއުޅޭ ފަރާތްތަކަށް އެއްވެސްކަހަލަ އާއްމު އުނދަގުލެއް ވެގެންނުވާނެއެވެ.
18. ބަހައްޓާ ތަކެތި ބެލެހެއްޓުން/ގެއްލުމުގެ ޒިންމާނެގުން
ހުސްބިންތަކުގައި ބަހައްޓާތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ތަކެތި ބެހެއްޓި ފަރާތުގެ ޒިންމާއެކެވެ. އަދި އެފަދަތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީވެސް އެ ބެހެއްޓި ފަރާތަކުންނެވެ.
19. ގަވައިދާ ޚިލާފަށް ތަކެތި ބަހައްޓާ ފަރާތްތައް ޖުރުމަނާކުރުން
( ހ ) މި އުޞޫލާ ޚިލާފަށް މަގުމަތީގައި ތަކެތި ބަހައްޓައިފިނަމަ އެއެއްޗެއް ނެގުމަށް 3 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ ތިރީގައިވާ ގޮތުގެމަތިން އެފަރާތެއް ޖުރުމަނާ ކުރެވޭނެއެވެ.
( ށ ) މިގަވާޢިދުގެ ދަށުން މިއިދާރާއިން ހުއްދައެއް ނަގަންޖެހޭ ބާވަތުގެ މަސައްކަތަކަށް ނުވަތަ އެފަދަ މުއްދަތަކަށް
މިއިދާރާގެ ހުއްދައެއް ހޯދުމަކާނުލައި ހުސްބިންތަކުގައި ތަކެތި ބަހައްޓައިފިނަމަ މި މާއްދާގެ ހ ގައިވާ މުއްދަތު ދިނުމަށްފަހު އެއްޗެއް ނުނަގައިފިނަމަ ފުރަތަމަ ފަހަރު އެފަރާތެއް -/1000ރ ދެވަނަ ފަހަރު -/1500ރ އަދި 3 ވަނަ ފަހަރު -/2000ރ ޖުރުމަނާ ކުރެވޭނެއެވެ. އަދި 3 ވަނަ ފަހަރަށްވުރެ އިތުރަށް ކުށްތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000ރ އިން ޖުރުމަނާ ކުރެވޭނެއެވެ. މި އުޞޫލްގެ '' ހ '' ގައިވާ މުއްދަތު އެފަރާތަކަށް ދެވޭނީ ހުއްދަ ނުނަގާ ފުރަތަމަ ބަހައްޓާ ފަހަރު އެކަންޏެވެ.
( ނ ) މި އުޞޫލުގެ 7 ވަނަ މާއްދާގައިވާ ފީތަކާއި މި މާއްދެ ''ށ'' ގައިވާ ޖުރުމަނާ ދައްކަން އެންގުމަށްފަހު ނުދައްކާ ފަރާތްތަކުގެ މައްސަލާތައް ޝަރީއަތަށް ހުށަހަޅައިގެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަދި އެފަދަ ފަރާތަކަށް މި އުސޫލުގައިވާ އެއްވެސް ޚިދުމަތެއް ދެވޭނީ އެ ޖުރުމަނާއެއް ނުވަތަ ފީ އެއް ދެއްކުމުންނެވެ.
20. އުޞޫލަށް އަމަލުކުރަންފަށާއިރު ހުންނަތަކެއްޗާމެދު އަމަލުކުރާނެގޮތް
( ހ ) މި އުޞުލަށް އަމަލުކުރަން ފަށާއިރު ހުސްބިންތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި ހުއްދަ ހޯދުމަކާނުލައި ހެދިފައިވާ ހަޓްފަދަ ތަންތަން މި އުޞޫލަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ މި އުޞުލުގެ 19 ވަނަ މާއްދާގެ '' ށ '' އަދި '' ނ '' ގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.